ގއ. ދެއްވަދޫގެ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓްގެ މައްޗަށް ބޮޑު ކުރިހޯއްދަވައި، މިހާރުވެސް އެ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި އަބްދުﷲ ޝާފިއު ދެވަނަ ދައުރަކަށް އިންތިހާބު ކާމިޔާބު ކުރައްވައިފި އެވެ. މި އިންތިހާބުގައި ދެއްވަދޫ ކައުންސިލްގެ ތިން ގޮނޑިވެސް ކާމިޔާބުކޮށްފައިވަނީ ސަރުކާރު ހިންގާ ޕީއެންސީންނެވެ.
ހޮނިހިރު ދުވަހު ބޭއްވުނު މި އިންތިހާބުގައި ޝާފިއު ވަނީ ޖުމްލަ 516 ވޯޓު ހޯއްދަވާފަ އެވެ. މިއީ 2021 ވަނަ އަހަރު ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގައި އޭނާއަށް ލިބުނު 499 ވޯޓަށްވުރެ އިތުރު އަދަދެކެވެ. ޝާފިއުއާ ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު ޝަފީގަށް ލިބިވަޑައިގަތީ 325 ވޯޓެވެ. އެހެންކަމުން ޝާފިއު މި އިންތިހާބު ކާމިޔާބުކުރެއްވީ 191 ވޯޓުގެ ބޮޑު ތަފާތަކުންނެވެ.
މިފަހަރުގެ އިންތިހާބުގައި އޭނާއާ ވާދަކުރެއްވި އަހްމަދު ޝަފީގަކީ މީގެ ކުރިން ޕީޕީއެމްގެ ފިކުރުގައި ހުންނެވި ބޭފުޅެކެވެ. އަދި ސަރުކާރު ބަދަލުވި ފަހުން ކުރީގެ ރައީސް ޔާމީނަށް ތާއީދުކުރެއްވި ނަމަވެސް، މި އިންތިހާބުގައި އޭނާ ވާދަކުރެއްވީ އެމްޑީޕީގެ ޓިކެޓުގަ އެވެ.
ކައުންސިލް ރައީސްގެ އިތުރުން ޝާފިއު ވަނީ މީގެ ކުރިން ކައުންސިލް މެމްބަރު ކަމުގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.
ކައުންސިލްގެ ރައީސްގެ އިތުރުން، ދެއްވަދޫ ކައުންސިލަށް ދެން ހޮވިވަޑައިގަތީވެސް މީގެ ކުރިން ކައުންސިލްގެ މަގާމުތަކުގައި ތިއްބެވި ޕީއެންސީގެ ދެ ކެންޑިޑޭޓުންނެވެ. އެއީ އަހްމަދު ފަޒުހާދާއި އައިޝަތު ތަމްހީދާ އެވެ. ކައުންސިލް މެންބަރު ކަމަށް ހޮވިވަޑައިގަތް އަހްމަދު ފަޒުހާދު އިންތިހާބު ކާމިޔާބުކުރެއްވީ އަމިއްލަ ގޮތުން ވާދަކުރެއްވި ޝަބީން ރަޝީދުގެ މައްޗަށް 121 ވޯޓުގެ ކުރިހޯއްދަވައިގެންނެވެ. ފަޒުހާދަށް 461 ވޯޓު ލިބިވަޑައިގެންނެވި އިރު ޝަބީނަށް ލިބިވަޑައިގަތީ 340 ވޯޓެވެ.
ކައުންސިލްގައި އަންހެން މެންބަރުންނަށް ހާއްސަކޮށްފައިވާ ގޮނޑި ތަމްހީދާ ކާމިޔާބުކުރެއްވީ އެމްޑީޕީ ކެންޑިޑޭޓް އައިޝަތު ޝަހުދާގެ މައްޗަށް 82 ވޯޓު ކުރިހޯއްދަވައިގެންނެވެ. ތަމްހީދާއަށް 442 ވޯޓު ލިބިވަޑައިގެންނެވިއިރު، ޝަހުދާއަށް ލިބިވަޑައިގަތީ 360 ވޯޓެވެ.
މި ނަތީޖާއާއެކު ދެއްވަދޫއަކީ ޕީއެންސީގެ ބޮޑު މެޖޯރިޓީއެއް އޮތް ރަށެއްކަން އަނެއްކާވެސް މިވަނީ ސާބިތުވެފަ އެވެ. 2021 ވަނަ އަހަރުގެ ކައުންސިލް އިންތިހާބާއި، އެންމެ ފަހުން ބޭއްވުނު ރިޔާސީ އިންތިހާބާއި، މަޖިލިސް އިންތިހާބުގެ އިތުރުން މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ކައުންސިލް އިންތިހާބުގައި ވެސް އެ ރަށުގެ މެޖޯރިޓީ ލިބިފައިވަނީ ޕީޕީއެމް ނުވަތަ ޕީއެންސީ އަށެވެ.









