ހޮނިހިރު ދުވަހު ފަލަސްތީނުގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބު މަހްމޫދު އައްބާސް އާއި އޭނާގެ ފަތަހް ޕާޓީ އިން ކާމިޔާބު ކޮށްފިއެވެ.
ހަމާސްއިން ހުޅަނގު އައްސޭރީގައި ވެސް އަދި ޣައްޒާގައި ވެސް އެ ޕާޓީގެ ނަމުގައި ކެންޑިޑޭޓުން ނެރެފައެއް ނުވެ އެވެ. ނަމަވެސް ހަމާސް އާއި ގުޅިފައިވާ މަދު އަދަދެއްގެ މިނިވަން ކެންޑިޑޭޓުންތަކެއް ނުރަސްމީކޮށް ވާދަކޮށް، ކާމިޔާބީ ހޯދިއިރު، ހަމާސް އިން ވަނީ މި އިންތިޚާބު ރަސްމީ ކޮށް ބޮއިކޮޓް ވެސް ކޮށްފައެވެ.
ފަލަސްތީނުގެ އޮތޯރިޓީ (ޕީއޭ) ސަރުކާރުން ބޭއްވި މި އިންތިޚާބުގައި އެ ސަރުކާރުގެ ކޮންޓްރޯލް އޮންނަ ހުޅަނގު އައްސޭރީގެ ހުރިހާ ހިސާބެއްގައި ވޯޓު ނެގިއިރު، ޣައްޒާގައި އޮތީ އެންމެ ސަރަޙައްދެއްގައެވެ. ޣައްޒާގެ މައިގަނޑު ފަސް ސަރަހައްދު ކަމަށްވާ އުތުރު ޣައްޒާ، ޣައްޒާ ސިޓީ، ދީރުލްބަލާޙް، ޚާން ޔޫނިސް، އަދި ރަފާހުގެ ތެރެއިން ވޯޓުލުން ކުރިއަށް ގެންދިޔައީ ހަމައެކަނި ދީރުލް ބަލާޙްގައެވެ.
ދީރުލް ބަލާޙްގެ 15 ގޮނޑީގެ ތެރެއިން މަހްމޫދު ޢައްބާސްގެ ފަތަހުގެ ތާއީދު އޮންނަ ކެންޑިޑޭޓުންނަށް 6 ގޮނޑި، މިނިވަން ކެންޑިޑޭޓުންނަށް 7 ގޮނޑި އަދި ހަމާސްއާ ގުޅިފައިވާ މިނިވަން ކެންޑިޑޭޓުންނަށް 2 ގޮނޑި ލިބިފައި ވެއެވެ.
އިންތިހާބުގައި ގާތްގަނޑަކަށް 403 މުނިސިޕަލްޓީ ހިމެނޭއިރު 4،097 ކައުންސިލް ގޮނޑި ހިމެނެއެވެ.
ހުޅަނގު އައްސޭރީގައި ގާތްގަނޑަކަށް %56 މީހުން ވޯޓު ލާފައި ވާ އިރު، ޣައްޒާ އިން ވޯޓު ލާން ނުކުތީ %23 ޕަސަންޓް މީހުންނެވެ.










