ހިފާފައިވާ ހުޅަނގު އައްސޭރި ކުރިއަށް އޮތްތަނުގައި އިސްރާއީލުގެ ބަޔަކަށް ވެދާނެ ކަމުގެ ކަންބޮޑުވުންތައް ބޮޑުވަމުން އަންނަ ކަމަށް މަސްރަޙް ދިރާސާ ކުރާ ފަރާތްތަކާއި ފަލަސްތީނުގެ ވެރީން ބުނަން ފަށައިފިއެވެ.
މި މަހުގެ ކުރީކޮޅު އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން ވަނީ ހުޅަނގު އައްސޭރީގެ ބައެއް ހިސާބުތަކުގައި ހުރި ބިންތައް ޔަހޫދީންނަށް މިލްކު ކުރެވޭނެ ގޮތަށް ފާސްކޮށްފައެވެ. އިސްރާއީލުގެ ސަރުކާރު އޮފިޝަލުން ބުނާ ގޮތުގައި މިކަން މިގޮތަށް ހެދީ ވެސްޓް ބޭންކަކީ އެންމެ ކުރިން އިސްރާއީލުގެ މިލްކިއްޔާތުގެ ތެރޭގައި ހިމެނޭ ސަރަޙައްދެކޭ ކިޔާފައެވެ.
ބައިނަލްއަޤްވާމީ ޤާނޫނުތަކުން ބުނާ ގޮތުގައި ހުޅަނގު އައްސޭރި އަކީ ފަލަސްޠީނުގެ މިލްކެކެވެ. އިސްރާއީލާއި ބެހޭ ތަނެއް ނޫނެވެ. އަދި ޔަހޫދީން ބާރުގެ ބޭނުން ކޮށްގެން ހިފާފައިވާ ސަރަޙައްދު ތަކަކީ ވެސް ޔަހޫދީންގެ ތަންތަނެއް ނޫނެވެ.

ފަލަސްޠީނުގެ ބިމަށް ޔަހޫދީން ވެރިވަމުންދާ ސްޕީޑް ދައްކުވައިދޭ ޗާޓެއް (1947-2005)
ޒައެނިސްޓް ސަރުކާރުން ބައިނަލްއަޤްވާމީ ޤާނޫނުތައް މުގުރާލައި، ޔަހޫދީންނަށް ފަލަސްޠީނުގެ ބިންތައް ގަނެވޭ ގޮތަށް ހެދުމުން ފަލަސްޠީނުގެ ސަރުކާރުން ވަނީ މިކަން ވަރަށް ބޮޑަށް ކުށްވެރިކޮށް، މިއީ “ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމް ކުރުމަށް ހުރަސް އެޅުމަށް” ކުރި ކަމެއް ކަމަށް ބުނެފައެވެ.
ޔަހޫދީންގެ މި ޢަމަލު ޢަރަބީންނާއި އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ (އދ)، އިނގިރޭސިވިލާތް، އަދި އެ ނޫން ޤައުމުތަކުން ވެސް ދަނީ ކުށްވެރި ކުރަމުންނެވެ.
އުސްމާނީ ހިލާފަތުގެ ބާރު ކަނޑުވާލައި އިނގިރޭސީންގެ ނުފޫޒާއި އެކު ޔަހޫދީންނަށް ފަލަސްޠީނުގެ ބިންތައް އަތުލެވޭ ގޮތަށް ކުރިން އޮތީ ހަދާފައެވެ. އެގޮތުން 1945 ވަނަ އަހަރު ޔަހޫދީންނަށް ފަލަސްޠީނުގެ ބިމުގެ ގާތްގަނޑަކަށް 6 އިންސައްތަ ލިބިފައިވެއެވެ.
ހަމަ އެހެންމެ 1948 ވަނަ އަހަރު އިސްރާއީލު އުފެދުމަށް ފަހު، (“އެބްސެންޓީސް’ ޕްރޮޕަޓީ ލޯ އެންޑް ޑިވެލޮޕްމަންޓް އޮތޯރިޓީ ލޯ” ގެ ނަމުގައި) ފަލަސްޠީނުގެ ރައްޔިތުން މަޖުބޫރުން ނަމަވެސް އެ މީހުންގެ ގެދޮރު ދޫކޮށްލައިފި ނަމަ އެ ބިންތައް ޔަހޫދީ ދައުލަތަށް ލިބޭ ގޮތަށް އޮތީ ހަދާފައެވެ.
1967 ވަނަ އަހަރު އިސްރާއީލުން ހުޅަނގު އައްސޭރި ހިފުމަށްފަހު، ބިރުން ގެދޮރު ދޫކޮށް ދިޔަ ފަލަސްޠީނުގެ މީހުންގެ ބިންތައް އަދިވެސް އޮތީ ޔަހޫދީ ދައުލަތުގެ ކޮންޓްރޯލްގެ ދަށުގައެވެ. މިހާރު އެ އުޅެނީ އެ ފަދަ ބިންތައް ޔަހޫދީންނަށް ވިއްކާލާށެވެ. މިހެން ގޮސް މުޅި ފަލަސްޠީނަކީ ޔަހޫދީންގެ ތަނަކަށް ހެދުމަށް އޮތީ ނިންމާފައެވެ.










