ޕާކިސްތާން އާމީ ޓީމް ސްޕިރިޓް މުބާރާތުގައި ދިވެހި ގައުމީ ދިފާއީ ބާރުގެ ސްޕެޝަލް ފޯސަސްއިން ރަން މެޑަލް ހާސިލުކުރުމަކީ ދިވެހި އަސްކަރިއްޔާއަށާއި ގައުމަށް ލިބުނު ވަރަށް ބޮޑު ފަހުރަކާއި ޝަރަފެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ގައުމީ ދިފާއީ ބާރުން ހޯދި މި ކާމިޔާބީ ފާހަގަކުރައްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 16 ގައުމަކުން 24 ޓީމު ވާދަކުރި މި މުބާރާތަކީ ގައުމުތަކުގެ އަސްކަރިއްޔާގެ ހުނަރާއި ގާބިލުކަން ދައްކާލާ މުބާރާތެއް ކަމަށެވެ. އެގޮތުން އަހަރަކު އެއްފަހަރު ބާއްވާ މި މުބާރާތަކީ އަސްކަރީ އަހުލާގާއި، ބައިވެރިންގެ ހިތްވަރާއި، އަޒުމް އަދި ބުންވަރާއި މެންޓަލް ފިޓްނަސްގެ އިތުރުން ޓީމުތަކުގެ ބަދަހި ގުޅުން ތަފާތު އެތައް އުނދަގޫ ހާލަތްތަކުގައި ވަޒަން ކުރާ މުބާރާތެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.


މި މުބާރާތުގައި ދިވެހި އަސްކަރީ ޓީމުން ހޯދި ކާމިޔާބީއަކީ މުޅި ގައުމީ ދިފާއީ ބާރަށާއި ގައުމަށްވެސް ލިބުނު ވަރަށް ބޮޑު ފަހުރެއްކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ސިފައިންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައި، ޓީމުގެ ހުރިހާ މެމްބަރުންނަށް އައްސަރިބަހާއި ސާބަސް ރައްދުކުރައްވާފަ އެވެ.
މިމަހުގެ 5 އިން 7 އަށް ޕާކިސްތާންގެ ނޭޝަނަލް ކައުންޓާ ޓެރެރިޒަމް ސެންޓަރުގައި ކުރިއަށްދިޔަ މި މުބާރާތުގައި ދިވެހި އަސްކަރިއްޔާގެ ސްޕެޝަލް ފޯސަސްގެ 15 ސިފައިން ބައިވެރިވެފައިވެ އެވެ. ޕާކިސްތާން އަސްކަރިއްޔާއިން ކުރިއަށްގެންދާ "ޕެޓްސް ކޮމްޕެޓިޝަން" އަކީ، އަސްކަރީ ގާބިލުކަން އިތުރުކުރުމަށްޓަކައި ހިންގާ އެންމެ މަތީ ފަންތީގެ މުބާރާތެކެވެ. މި މުބާރާތުގައި އަސްކަރީ ގޮތުން ބޭނުންކުރާ އުކުޅުތަކާއި އެކިއެކި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.







