ޕާކިސްތާނުގައި ބޭއްވި ޕެޓްސް މުބާރާތުން އެމްއެންޑީއެފުން ރަން މެޑަލް ހާސިލްކޮށްފި އެވެ.
"ޕެޓްސް ކޮމްޕެޓިޝަން" އަކީ އަސްކަރީ ގާބިލުކަން އިތުރުކުރުމަށްޓަކައި ހިންގޭ އެންމެ މަތީ ފަންތީގެ މުބާރާތެކެވެ. މިގޮތުން މި މުބާރާތުގައި އަސްކަރީ ގޮތުން ބޭނުންކުރާ އުކުޅުތަކާއި އެކިއެކި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ދައްކުވައިދޭނެ އެވެ.
އެމްއެންޑީއެފުން މިކާމިޔާބީ ހޯދާފައިވަނީ ޕާކިސްތާނުގައި ބޭއްވި 9 ވަނަ "އިންޓަނޭޝަނަލް ޕާކިސްތާން އާމީ ޓީމް ސްޕިރިޓް (ޕެޓްސް) ކޮމްޕެޓިޝަން 2026" ގައި އެވެ.
މިމަހު 5 އިން ފެށިގެން މިމަހު 7 އަށް ކުރިއަށް ދިޔަ މި މުބާރަތް ބޭއްވީ ޕާކިސްތާންގެ ނޭޝަނަަލް ކައުންޓާ ޓެރެރިޒަމް ސެންޓަރުގަ އެވެ. ޕާކިސްތާނުގައި ބޭއްވި މި ޕެޓްސް މުބާރާތުގައި 16 ގައުމެއްގެ އަސްކަރިއްޔާއިން 24 ޓީމެއް ވަނީ ބައިވެރިވެފައި އެވެ.
އެގޮތުން އެމްއެންޑީއެފުން މި މުބާރާތުގައި ބައިވެރިވި ޓީމްގައި ހިމެނެނީ ސްޕެޝަލް ފޯސަސްގެ 15 ސިފައިންނެވެ.
މި މުބާރާތުގައި ވާދަ ކުރި ގައުމުތަކުގެ ތެރޭގައި އިރާގް، އެމެރިކާ،ސައުދީ އަދި ތުރުކީ ފަދަ ބޮޑެތި ގައުމުތައް ހިމެނެ އެވެ.










