ދިވެހިރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައި ދެވޭ އިސްލާމް މާއްދާ ދިވެހި ބަހުގެ ބަދަލުގައި އިނގިރޭސި ބަހުން ކިޔަވާ ދޭން ބަދަލުކުރުމާއި ބެހޭ ގޮތުން، ގިނަ މަޝްވަރާތަކަކާއި ދެބަސްވުންތަކެއް ފަހަކަށް އައިސް ވަނީ ފެންމަތިވެފަ އެވެ.
މިކަމާ ބެހޭ ގޮތުން ބައެއް ފަރާތްތަކުގެ ހިޔާލަކީ އިސްލާމް މާއްދާ ކިޔަވައިދެވެންޖެހޭ ހަމަ އެކަނި ބަހަކީ ދިވެހި ބަސް ކަމަށެވެ. އެއީ އިސްލާމް މާއްދާ އިނގިރޭސީން ކިޔަވައިދޭނަަމަ ދިވެހި ބަސް ނެތި ދިއުމަށް މަގުފަހި ވާނެ ކަމެއް ކަމަށް ވެސް އެއްބަޔަކު ދެކެ އެވެ. އަނެއް ބަޔަކު ދެކެނީ އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވައި ދިނުމަކީ ހެޔޮ ބަދަލެއް ގޮތުގައެވެ.
މި ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި އުފެދޭ ސުވާލަކީ ދަރިވަރުންނަށް މިކަމުގައި އެންމެ ފައިދާ ހުރި ގެއްލުން ކުޑަ ގޮތަކީ ކޮބާ ހެއްޔެވެ. އަދި ދިވެހި ބަހަށް ކޮށި ވުމަކީ އިސްލާމް ދީން ރަނގަޅަށް އޮޅުން ނުފިލާ ތިބެން ޖެހޭ ސަބަބެއް ހެއްޔެވެ؟
އިސްލާމް މާއްދާ އިނގިރޭސިން ކިޔަވާ ދިނުމާ މެދު ޓީޗަރުންގެ ހިޔާލު
އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވާ ދިނުމާއި ބެހޭ ގޮތުން "ޚުލާސާ" އިން ވާނީ ބައެއް މުދައްރިސުންނާއި އިންޓަވިއު ކޮށްފަ އެެވެ. އަދި އެ މުދައްރިސުން ވަނީ އެކަމާ ބެހޭ ގޮތުން އެބޭފުޅުންގެ ހިޔާލު ހިއްސާކޮށްފަ އެވެ.
"އިނގިރޭސި ބަހުން އިސްލާމް މާއްދާ ފުރިހަމައަށް ކިޔަވާ ދިނުމަށް އެތައް އަހަރެއް ނަގާނެ، ސަބަބަކީ މާކިން ސްކީމްތަކާއި ސުވާލު ކަރުދާހާއި މުދައްރިސުންގެ ތަމްރީނުތައް މުޅިން ބަދަލު ވާނެ، އިސްލާމް މާއްދާއަށް ދަށްވާނަމަ ހައްލަކީ އެހެން މާއްދާތަކުން ދަރިވަރުން ޓިއުޝަންނަގާހެން ޓިއުޝަން ނެގުން، ދެން އޮތް ހައްލަކީ އިސްލާމްގެ ކޯ އާއި އެކްސްޓެންޑް ނެގުން،" ސާނަވީ އިސްލާމް މުދައްރިސެއް
"އިސްލާމް މާއްދާ މިހާރުވެސް ކިޔަވާދޭ އިރު އިނގިރޭސި ބަހުން މި ކިޔަވާ ދޭން ޖެހެނީ، ކުދިންނަށް ބޮޑަށް އޮޅުން ފިލަނީ ވެސް އެގޮތަށް، އެކަމަކު ދަރިވަރުންނަށް އިމްތިހާނުގައި ސުވާލަށް ޖަވާބު ދޭން ފަސޭހަ ވާނީ ދިވެހިން،" މަތީ ސާނަވީ އިސްލާމް މުދައްރިސެއް
"މަގްސަދަކީ އިސްލާމް މާއްދާ ދަރިވަރުންނަށް އޮޅުން ފިލުވައިދިނުން ކަމުގައި ވާނަމަ އިނގިރޭސިން އިސްލާމް ކިޔަވާ ދިނުމަކުން ގޯހެއް ނެތް، އެހެންނަމަވެސް ދިވެހި ބަސް އިސްކުރާނަމަ އެއީ އެންމެ އެދެވިގެންވާ ގޮތެއް ނޫން،" ސާނަވީ ދިވެހި މުދައްރިސެއް
އިސްލާމް މާއްދާ ދިވެހި ބަހުގެ ބަދަލުގައި އިނގިރޭސިން ކިޔަވައިދިނުން
ދިވެހި ބަހުގެ އެކެޑެމީގެ ކުރީގެ ރައީސް އަދި ދިވެހި ބަހަށް ގިނަ ހިދުމަތްތަކެއް ކުރައްވަމުން ގެންދަވާ އަޝްރަފް ވިދާޅުވާ ގޮތުގައި އެއްވެސް މާއްދާ އެހެން ބަހަކުން ކިޔަވާ ދިނުމަކީ ބަސް އުވިގެންދާނެ ސަބަބަބެއް ނޫނެވެ. ނަމަވެސް ދިވެހި ބަހަށް ދަރިވަރުން ކޮށިވާން މެދުވެރިވާ ސަބަބުތައް ނައްތާލުމަކީ ބަސް ދިރުވާ އާލާ ކުރުމަށް އޮތް ހައްލެއް ކަމަށް ވިދާޅުވި އެވެ.
"ދަރިވަރުން ދިވެހި ބަހަށް ކޮށިވަނީ ދިވެހި ބަހުން ވާހަކަ ދައްކާނެ ފުރުސަތުތަކާއި ހާލަތްތަކާއި ހިންދުކޮޅުތައް މަދުވީމަ، ދަރިވަރުންގެ ތައުލީމުގެ ބިންގާ އަޅާ އިރު ދިވެހި ބަހަށް ދަރިވަރުން ފަރިތަ ކުރުމަށް އެކަށީގެންވާ މަސައްކަތް ކުރެވޭ ނަމަ އެއްވެސް ދަރިވަރަކު ދިވެހި ބަހަށް ކޮއްޓެއް ނުވާނެ،" އަޝްރަފް ވިދާޅުވި އެވެ.
އޭގެ އިތުރުން އެންމެ ދެ މާއްދާ ދިވެހި ބަހުން ކިޔަވާ ދެވޭ އިރު ދިވެހި ބަހުން ކިޔަވާދެވޭ، ހަމަ އެކަނި މާއްދާތައް އިނގިރޭސި އަށް ބަދަލު ކުރުމަކީ ދިވެހި ބަސް ނިކަމެތިވާނެ ކަމެއްކަމުގައި އަޝްރަފް ދެކިލައްވަ އެވެ. އޭގެ ބަދަލުގައި ދިވެހިން ކިޔަވާ ދެވޭ މައްދާތައް އިތުރުކޮށް ސޯޝަލް ސްޓަޑީޒްއާއި ގައުމިއްޔަތުގެ މާއްދާތަކާއި ދިވެހިއްޔަތުގެ މާއްދާތައް ދިވެހި ބަހުން ކިޔަވާދޭން ފަށަންވީކަމަށް އަޝްރަފް ވިދާޅުވެ އެވެ.
"ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް އެބަޔެއްގެ އަގީދާ އާއި ގުޅިފައިވާ މާއްދާތައް ނުވަތަ ދީން ކިޔަވާދޭނީ އެއްބަޔެއްގެ މާދަރީ ބަހުން،" އަޝްރަފް ވިދާޅުވި އެވެ. "1900 ގައި ކުރި ކޮޅު ފުރިހަމަ ތައުލީމީ ނިޒާމަކުން ކިޔަވާ ދޭން ފެށުނިއްސުރެއް މިހާތަނަ ދިވެހިން އިސްލާމް ކިޔަވާ ދީގެން ނޭނގިގެން އުޅޭކަށް ނުޖެހެ، އިނގިރޭސިން އިސްލާމް ކިޔާވާ ދިނުމުގެ ވިސްނުން އައިސްފައިވަނީ ކުދިންނަށް ދިވެހި ބަހުން ކިޔަވާ ދިނުމުން ކިޔާ އެއްޗެއް ދޭހަ ނުވާ ކަމަށް ދެކެވުނު ވާހަކަ އަކުން ކަމަށް ބެލެވެނީ،"
ދަރިވަރުންގެ ހިޔާލު
އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔާވާދިނުމާ މެދު ދަރިވަރުންގެ ޝައުގުވެރިކަން ހުރި މިންވަރު ދެނެގަތުމަށް ހުލާސާގެ ފަރާތުން ވަނީ ދަރިވަރުންގެ ހިޔާލު ހޯދުމަށް ސާވޭއެއް ކޮށްފަ އެވެ. މި ސާވޭގައި ބައިވެރިވި ހުރިހާ ދަރިވަރުންނަކީ ވެސް ގުރޭޑް އެކަކުން ފެށިގެން އިސްލާމް މާއްދާ ކިޔަވަމުން އަންނަ ދަރިވަރުންނެވެ. މީގެ ތެރޭއިން ބައެއް ދަރިވަރުންނަކީ އިސްލާމް މާއްދާއިން އޭ ސްޓާ ހޯދަމުން އަންނަ ކުދިންނެވެ.
އެ ދަރިވަރުންގެ ތެރެއިން 70 އިންސައްތަ ދަރިވަރުން ބުނެފައިވަނީ ދިވެހިބަހުން ކިޔަވައިދޭއިރު އިސްލާމް މާއްދާގައި ކިޔަވާދެވޭ އެއްޗެއް ފަހުމުވާ ކަމަށެވެ. އަދި 30 އިންސަތަ ދަރިވަރުން ބުނެފައިވަނީ ކިޔަވައިދޭ އެއްޗެއް ފަހުމު ނުވާ ކަމަށެވެ.
އަދި ސްކޫލުތަކުގައި އިސްލާމް މާއްދާ ކިޔަވާދެވޭ ބަހާ މެދު 43 އިންސައްތަ ދަރިވަރުން ހިތްހަމަޖެހޭއިރު 57 އިންސަތަ ދަރިވަރުން ބުނީ ހިތްހަމަ ނުޖެހޭ ކަމަށެވެ.
އިސްލާމް މާއްދާ ކިޔެވުމަށް ދަރިވަރުން އިހްތިޔާރު ކުރާނީ ކޮން ބަހެއްތޯ ކުރެވުނު ސުވާލަށް 43 އިންސަތަ ދަރިވަރުން ބުނީ ދިވެހި ބަސް ކަމަށެވެ. އިނގިރޭސި ބަހުން އިސްލާމް މާއްދާ ކިޔަވަން ބޭނުންވާ ކަމަށް ބުނީ 57 އިންސަތަ ދަރިވަރުންނެވެ.
ސާވޭގެ 53 އިންސަތަ ދަރިވަރުން .ބުނާގޮތުން އިސްލާމް މާއްދާ ދިވެހި ބަހުގެ ބަދަލުގައި އިނގިރޭސި ބަހުން ކިޔަވާ ދިނުމަކީ ދިވެހި ބަސް ނިކަމެތި ކުރުމުށާއި ދިވެހި ބަސް އުވި، ނެތި ދިއުމަށް މަގު ފަހި ކުރުމަށް ކުރެވޭ ކަމެކެވެ. އެކަން އޮތީ އެހެން ނޫން ކަމަށް ބުނީ 47 އިންސަތަ ދަރިވަރުންނެވެ.
މީގެ އިތުރުން 17 އިންސަތަ ދަރިވަރުން ގަބޫލުކުރާގޮތުގައި އިސްލާމް ކިޔަވަންވާނީ ހަމަ އެކަނި ދިވެހިންނެވެ. އަދި 10 އިންސަތަ ދަރިވަރުން ބުނީ އިސްލާމް ކިޔަވަންވާނީ އިނގިރޭސި ބަހުންކަމަށެވެ. 73 އިންސަތަ ދަރިވަރުން ބުނީ އިސްލާމް ކިޔެވުމަށް އެދަރިވަރަކު ބޭނުންވާ ބަހެއް އިހްތިޔާރުކުރުމުގެ ފުރުސަތު ތައުލީމީ ނިޒާމުން ދަރިވަރުންނަށް ދޭން ޖެހޭ ކަމަށެވެ.
އިސްލާމް މާއްދާ ދިވެހި ބަހުގެ ބަދަލުގައި އިނގިރޭސިން ކިޔަވަދިނުމުން ދަރިވަރުންގެ ކިޔެވުމަށާއި ނަތީޖާ އަށް ފައިދާ ކުރާނީ ކީއްވެ؟
އިނގިރޭސި ބަހުން އިސްލާމް މާއްދާ ކިޔަވާ ދިނުމަކީ ގައުމިއްޔަތު ދެމެހެއްޓުމަށް ހުރި ހުރަހެއް ކަމަށް ބައެއް ފަރާތްތަކުން ދެކުން ކަމުގައި ވިޔަސް ދަރިވަރުންގެ މުސްތަގްބަލާއި، ދަރިވަރުންނަށް ދީން އޮޅުން ފިލުވައިދިނުމަށް ވުރެ ވަކިން އިތުރަށް މުހިންމު ކަމެއް ނޯނާނެވެ. ގަބޫލު ކުރަން ދަތި ކަމަކުގައި ވިޔަސް، ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ދިވެހި ކިޔަވާ ކުދިންގެ ތެރޭގައި ދިވެހި ބަހަށް ކޮށި ދަރިވަރުން އެބަ ތިބި ކަމެވެ. މިއީ އެދުވަހަކުން ދެވަހުން ވީކަމެއް ނޫން ކަމެވެ. ކޮންމެ ބައެއްގެ އިހުމާލުން ދަރިވަރުން ދިވެއްސަށް ދަށްވިކަމުގައި ވިޔަސް އެ ދަރިވަރުންނަށް އިސްލާމް މާއްދާ ކިޔެވޭނެ ގޮތެއް ފަހިވާން ޖެހެއެވެ.
އެގޮތުން އިނގިރޭސި ބަހުން އިސްލާމް ކިޔަވާދީފި ނަމަ ދިވެއްސަށް ކޮށި ދަރިވަރުން ހުޅަނގުގެ ކުލަވަރުތަކަށް ހެލިގެން ގޮސް، މަގުން ކައްސާލުމުން ސަލާމަތް ކުރެވޭނެ އެވެ. ސަބަބަކީ އިސްލާމް މާއްދާ ކިޔެވުމުގެ ތެރޭގައި ދަރިވަރުން އުޅޭ މިންވަރު އިތުރުވި ވަރަކަށް ދަރިވަރުންގެ ހިތުގައި ދީނާ މެދު ލޯބި ޖެހޭނެ އެވެ. ދިވެހި ބަހަށް ކޮށިވުމުން އިސްލާމް މާއްދާގައި ކިޔަވާދޭ އެއްޗެއް ނޭގުމަކީ ދަރިވަރަށް ދީނުގެ ކަންކަން އޮޅުން ނުފިލުވޭނެ ސަބަބަކަށް ވެގެން ނުވާނެ އެވެ.
މީގެ އިތުރުން ސާނަވީ ގުރޭޑްތައް ނިންމާ މުޖުތަމައުއަށް ނިކުންނަށް ކޮންމެ ކުއްޖަކީ އިސްލާމީ ކަންކަމަށް ހޭލުތެރި ބަޔަކަށް ވާނެ އެވެ. ރާއްޖޭއިން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން ދިރިއުޅެފަ އަންނަ ދަރިވަރުން ނުވަތަ ރާއްޖޭގައި ކިޔަވާ އެހެން ގައުމުތަކުގެ މުސްލިމް ކުދިންނަށް އަދި މުސްލިމް ނޫން ކުދިންނަށް ވެސް ރާއްޖޭގައި އިސްލާމިކް ސްޓަޑީޒް، ކިޔެވޭނެ ގޮތް ހެދުމަކީ މި ދަރިވަރުންނަށް ތައުލީމީ ނިޒާމުގެ ތެރެއިން ފަހި ވާނެ ވަރަށް މުހިންމު ފުރުސަތެކެވެ.
ހައްލަކީ ކޮބާ؟
މި ބަހުސްގެ ހައްލު ހޯދުމަށް ބޭނުންވަނީ މަޝްވަރާ އާއި އިލްމީ ހިޔާލެވެ. ވަކި ކޮޅަކަށް ބުރަ ނުވެ ވަކި ސިޔާސީ ފިކުރަކަށް އިސްކަން ނުދީ ދަރިވަރުންނާއި ގައުމުގެ މުސްތަގުބަލަށް ޓަކައި ދެމެހެއްޓެނިވި ބަދަލަކަށް އެންމެ އެއްބަސް ކިޔުމެވެ. މިކަމުގާ ގައުމިއްޔަތު ދެމެހެއްޓުމަށް ދޭ އިސްކަން ކުޑަ ނުކޮށް، ދަރިވަރުންގެ ހުރި އުންދަގޫތަކަށް ހައްލު ހޯދާ ދެވިދާނެ އެވެ. ގިނަ ދަރިވަރުން ދިވެހި ބަހުން އިސްލާމް ކިޔަވަން ބޭނުންވި ކަމުގައި ވީނަމަވެސް، ދިވެހި ބަހަށް ކޮށި ކުދިންގެ ދަތިކަމަށް ފުރަގަސް ދިނުމަކީ އެންމެ ރަނގަޅު ހައްލެއް ނޫންނެވެ. އަދި އެއީ ކަނޑައެޅިގެން ކުރެވޭ ތަފާތު ކުރުމެކެވެ.
ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ފުރަތަމަ ބާއްވާލެވުން ވަހީ ބަސްފުޅަކީ "إقرا " އެވެ. މާނައަކީ ކިޔަވާށެވެ. ކިޔަވަންވީ ވަކި ބަހެއް އެކަލާނގެ ވަހީ ކުރައްވާފައިއެއް ނުވެ އެވެ. ކީރިތި ގުރުއާން އަރަބި ބަހުން ބާއްވާލައްވާފައިވީ ނަމަވެސް ގުރުއާނުގައި އަނގަވާފައިވާ ކަންތައްތަ ދެނެގަތުމަށް ވަކި ބަހެއް ނޯވެ އެވެ. އެހެން އެކަންވާނަމަ ކީރިތި ގުރުއާނުގެ ތަރުޖަމާ އެކި ބަސްބަހުން ނުހުންނާނެތާ އެވެ. އިސްލާމް ދީނުގެ ދެ މަސްދަރު ކަމަށްވާ ގުރުއާނާއި ސުންނަތުގެ ތަރުޖަމާ ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ނުވަތަ އެހެން އިތުރު ބަހަކުން ނޯނާނެ ނޫން ހެއްޔެވެ. އިސްލާމް ދީން ބާވާލެއްްވުނީ މުޅި އުންމަތަށެވެ. އިސްލާމް ދީނުގެ އިލްމު ޅައުމުރުން ފެށިގެން ދެނެގަތުމުގެ ހައްގު ކޮންމެ މުސްލިމަކަށް އޮންނާނެ އެވެ.
އެންމެ ގެއްލުން ކުޑަ ފައިދާ ބޮޑު ވިސްނުމަކުން ވިސްނައިފި ނަމަ އިސްލާމް މާއްދާ ކިޔަވާ ދެވެން ޖެހޭ ބަހާއި ބެހޭ ގޮތުން މިކުރެވޭ ބަހުސް ނިމެނީ، ހުރިހާ ދަރިވަރުންނަށް އިސްލާމް މާއްދާ ކިޔަވާދިނުމުގެ ފުރުސަތު ލިބޭނެ ގޮތަކަށެވެ. އެއީ ދެ ބަހުން ކުރެ އެއްބަހުން އިސްލާމް މާއްދާ ކިޔެވުމުގެ ފުރުސަތު ދިނުން ނުވަތަ ކޯ އާއި އެކްސްޓެންޑެޑް ކިޔެވުމުގެ ފުރުސަތު ދަރިވަރުންނަށް ދިނުމެވެ. އޭރުން ވަކި ބަހަކަށް ދަރިވަރުން ދަށްނުވި ކަމުގައި ވިޔަސް އިސްލާމް މާއްދާއަށް ދަށްވާ ދަރިވަރުންނަށް ނަތީޖާ ރަނގަޅު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
އަދި ކިޔަވަން ބޭނުންވާ ބަސް އިހުތިޔާރު ކުރުމުގެ ފުރުސަތު ދީފި ނަމަ ހުރިހާ ދަރިވަރުންނަށް ވެސް ހަމަ ހަމަކޮށް އިސްލާމް މާއްދާ ކިޔެވުމަށް ފުރުސަތު ލިބޭނެ އެވެ. އަދި އިސްލާމުން ފާސްވާ ޕަސެންޓޭޖް ދަށްވާ މައްސަލައަށް ވެސް ހައްލެއް ލިބޭނެ އެވެ.










