ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ މުއްދަތަށް ބަދަލު ގެނެސް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.
މި ބިލަކީ ގާނޫނު އަސާސީއަށް ބަދަލުގެނެސް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކީގައި ބޭއްވުމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި އިސްލާހެކެވެ. އެ ބިލު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވީ މިދިޔަ ޖެނުއަރީ 5 ވަނަ ދުވަހު އެވެ.
ކޮމިޓީން ބިލު ދިރާސާ ކުރީ އާއްމުންގެ ހިޔާލާއި ސިޔާސީ ޕާޓީތަކުގެ ހިޔާލަށްވެސް ހުޅުވާލައިގެންނެވެ. މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި މި ބިލު ފާސްކުރީ ކޮމިޓީގެ އަގުލަބިއްޔަތުންނެވެ.
ބިލުގައިވާ ގޮތުން މަޖިލީހުގެ އިންތިހާބު ކުރިއަށް އޮތްތަނުގައި ބާއްވާނީ، ގާނޫނު އަސާސީގެ 110 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވާ އިންތިހާބާ އެކުގައެވެ. އަދި މަޖިލީހުގެ އުމުރަކީ، ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތެއް ކަމަށާއި، އެ މުއްދަތު ހަމަވުމުން މަޖިލިސް އުވޭނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.


ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވެގެން މަޖިލިސް އުވުމާއެކު އަލަށް އިންތިހާބުކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ވާނީ، ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ކަމަށްވެސް ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ. އަދި ދެން އެންމެ އަވަހަށް މެންބަރުން ހޮވުމަށް އިންތިހާބެއް ބާއްވަން ވާނީ، އިސްލާހުތަކާ އެއްގޮތަށް ކަމަށްވެސް ވަނީ ބަޔާންކޮށްފަ އެވެ.
މީގެ އިތުރުން މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އުމުރު 1 ޑިސެމްބަރު 2028 އަށް ހަމަވާނެ ކަމަށާއި، އެ ތާރީހަށް އިންތިހާބު ބާއްވައި މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭނެ ކަމަށްވެސް ގާނޫނު އަސާސީއަށް ގެންނަ އިސްލާހުގައި ވަނީ ބަޔާންކޮށްފަ އެވެ.
މިއާއެކު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރު ވެގެންދާނެ އެވެ. މިހާރު ގާނޫނު އަސާސީގައިވާ ގޮތުން 20 ވަނަ މަޖިލީހުގެ އުމުރު ހަމަވާނީ 2029 ވަނަ އަހަރުގަ އެވެ.
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަކީ، ގިނަ ރައްޔިތުންތަކެއް އެދެމުން އައި ކަމެކެވެ. ދެ އިންތިހާބު އެއްކުރުމުގެ ސަބަބުން ވޯޓުލާ މީހުންގެ އަދަދު އިތުރުވެ، އިންތިހާބުތަކަށް ހޭދަ ކުރަންޖެހޭ ހަރަދު ކުޑަވެގެންދާނެ ކަމަށް ސަރުކާރުން ގަބޫލު ކުރައްވައެެވެ.








