ތިން ރުއް ޕާކު ސަރަހައްދު އަލުން ތަރައްގީކޮށް މަރާމާތުކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާތީ އެ ސަރަހައްދުގައި ހުރި އުޅަނދުތައް ނަގަން ފުލުހުން އަންގައިފި އެވެ.
ފުލުހުން ފޭސްބުކްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، މާލޭސްކޭޕިން މަޝްރޫއުގެ ތެރެއިން ސުނާމީ ބިނާ މައިޒާން ތަރައްގީކުރުމުގެ މަސައްކަތަށް، ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް އެ ސަރަހައްދުން ނަގައި ހުސްކުރުމަށް އެދޭ ކަމަށެވެ.
މި އުޅަނދުތައް ނެގުމަށް ފުލުހުން އަންގާފައިވަނީ މިއަދު އިރުއޮއްސި 18:00ގެ ކުރިންނެވެ.
ސުނާމީ ބިނާއަކީ 2004 ވަނަ އަހަރު ރާއްޖެއަށް އެރި ސުނާމީ ކާރިސާގައި ނިޔާވި މީހުންގެ ހަނދާނުގައި ބަހައްޓާފައިވާ ބިނާއެކެވެ. އެންމެ ފުރުތަމަ ލޮނުޒިޔާރަތްކޮޅުގައި މި ބިނާ ބެހެއްޓި ނަމަވެސް، ސިނަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތް ކުރުމަށް އެ ބިނާ މިހާރު އެ ހުރި ސަރަހައްދަށް ބަދަލުކޮށްފައިވަނީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ.









