މާލެ, ހުޅުމާލެ ގުޅޭ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ އިއްޔެ ރޭ 12:45 އެހާކަންހާއިރު މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ހައިވޭގެ ކާރު ލޭނުގައި މަޑުކޮށްގެން އޮތް ކާރެއްގައި ފަހަތުން ދުއްވާފައި އައި އެހެން ކާރެއް ކޮންޓްރޯލުން ނެއްޓި، ސައިކަލު ލޭނަށް އަރައި، އެ ވަގުތު ދަތުރުކުރަމުން ދިޔަ އިތުރު ހަތަރު ސައިކަލެއްގައި ޖެހި އެކްސިޑެންޓުވެފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ދިވެހި ހަތަރު ފިރިހެނުންނަށް ކަމަށާއި އެ މީހުންގެ ތެރެއިން ދެ މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން ބުނީ އަނެއް ދެ މީހުންގެ ހާލު ވެސް ރަނގަޅުވަމުން އަންނަ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި ހިމެނޭ އުޅަނދުތަކަށް އެކިވަރުގެ ގެއްލުންވަނީ ލިބިފަ އެވެ.
ފުލުހުން ބުނީި މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.










