އާ ގެދޮރު، ބާ އާދަ: އެފްޑީސީ ސަރަހައްދުން ފެންނަނީ ހިތްދަތި މަންޒަރެއް

މަރްޔަމް މާޙީ | 17 ގަޑިއިރު ކުރިން - 9 ފެބްރުއަރީ 2026 09:53
އެފްޑީސީ ފްލެޓެއް ކައިރިއަށް ޖަމާކޮށްފައިހުރި ކުނިތަކެއް---ފޮޓޯ: ޚުލާސާ
އެފްޑީސީ ފްލެޓެއް ކައިރިއަށް ޖަމާކޮށްފައިހުރި ކުނިތަކެއް---ފޮޓޯ: ޚުލާސާ
ޚުލާސާ

ސޯޝަލް ހައުސިންގެ މި ފަދަ ފްލެޓްތަކަށް މީހުން ބަދަލުވާއިރު, ތިމާގެ އަމިއްލަ ގެއެކޭ އެއްފަދައިން ތަނުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ކޮންމެ މީހަކު ވެސް ފަރުދީ ޒިންމާ އަދާކުރަންޖެހޭ

އަމިއްލަ ބޯހިޔާވަހިކަމެއް ލިބި ފްލެޓަށް ބަދަލުވުމުގެ މަސަައްކަތުގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ދޫކުރި 4000 ފްލެޓުގެ ވެރިން އުޅެނީ އަވަދިނެތިއެވެ. ފްލެޓަށް ބޭނުންވާ ތަކެތި ހޯދާ އިންސްޓޯލްކުރުމާއި ކަބަޑުސެޓު ޖެހުމާއި އެ ނޫނަސް ފްލެޓަށް ބަދަލުވާން ކުރާންޖެހޭ ފިނިޝިންގެ ހުރިހާ މަސައްކަތެއްގައި ވަރަށް ބުރަކޮށްނެވެ. އެއީ އެތައް ދުވަހެއްގެ އިންތިޒާރަށްފަހު ފްލެޓްގެ ތަޅުދަނޑި އެ މީހުންނަށް ލިބުމުންނެވެ. 

އެ ކަމުގައި އެއްވެސް މައްސަލައެއް ނެތެވެ. އެކަމަކު, ކަންބޮޑުވާންޖެހޭ މައްސަަލައެއް ފަހި ފްލެޓްތަކުގެ ތެރޭގައި އެބަ ހިނގައެވެ. އެ ކަމުގެ ސަބަބުން އެތައް ބަޔަކަށް ދަތިވެ, ބަލިތައް ފެތުރި އެ ނޫނަސް އެތައް މައްސަލަައެއް ފެންމަތިވެދާނެ ކަމެއް އެބަ ހިނގައެވެ. އެއީ އެ ތަނުގައި އިންތިހާއަށް ކުނި ގިނަވެ ކުނިގޮނޑަކަށް އެ ސަރަހައްދު ބަދަލުވުމުގެ މައްސަލައެވެ.

އެފްޑީސީން ވަނީ މިހާރު 200 ފްލެޓް ފިޔަވާ އެހެން ހުރިހާ ފްލެޓެއްގެ ތަޅުދަނޑި ހަވާލުކޮށްފަ އެވެ. އެހެންވެ, ހަވާލުކޮށްފައިވާ ފްލެޓްތަކުގެ ވެރިން އެ ތަންތަނަށް ބަދަލުވާން ކުރާން ޖެހޭ ކަންކަން ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ތަހުޒީބު މުޖުތަމައެއް، ނާތަހުޒީބު އަމަލެއް

ފްލެޓްތަކުގެ ކޮރިޑޯގެ އިތުރުން ގްރައުންޑް ފްލޯގެ ލިފްޓު ކައިރީގައި ވެސް ވަނީ ކުނި ގިނަވެފައެވެ. އެ ސަރަހައްދުގެ ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި ގްރައުންޑް ފްލޯގައި ހިނގައިލުން ވެސް ވާނީ އުނދަގޫ ކަމަކަށެވެ. އެ ސަރަހައްދު ފުރިފައިވަނީ އޭސީ، އައިސް އަލަމާރި, ފަރުނީޗަރު އަދި ތެލި ތަށި ފަދަ އެތައް ސާމާނެއް ހުސްކޮށްފައިވާ ފޮށިތަކުންނެެވެ. ނުވިތާކަށް ކުނިވާ ޒާތުގެ ކުނިވެސް އަޅަނީ އެވެ. މުޅި ތަނުން އެދުވާ ނުބައި ވަހުން ގޮނޑަކަށް ވަދެވޭ ހެންވެސް ހީވެ އެވެ. ފްލެޓަށް ވަންނަން ދާއިރު މުޅި ތަނުގައި އުދުހެނީ މެއްސެވެ. ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރެއް ކަމުން މީގެން ބަލިމަޑިކަމެއް ފެތުރުން އެއީ ދުރުގައި އޮތްކަމެއް ނޫނެވެ.

ފްލެޓް ލިބުނު ގިނަ މީހުން ބުނާ ގޮތުގައި ކޮންމެ ފަހަރަކު އަމިއްލައަށް ކުނި އުކާލާ ނަމަ ބޮޑު ހަރަދެއް އެ ކަމަށް ހިނގައެވެ. އަދި ކޮންމެ ފަހަރަކު އެ ގޮތަށް ކުނި އުކާލުމަކީ ކުރެވޭވަރަށް ވުރެ އުނދަގޫ ކަމެއް ކަަމަށް ވެސް އެ މީހުން ބުނެއެވެ. އެ މީހުން އެންމެ ބޮޑަށް ފާހަގަކުރާ މައްސަލައަކީ އުކައިލެވެންދެން ވެސް ކުނި ބަހައްޓާނެ ވަކި ސަރަހައްދެއް ކަނޑައަޅައިފައި ނެތުމެވެ.

އަމާން ދޯދި 10 އަކަށް ވަންނަންޖެހެނީ މި ކުނިތަކުގެ ތެރެއިން---ފޮޓޯ: ޚުލާސާ

"ދެތިން ފޮށިގަނޑު ކަނޑައިލައިފައި އެ އުކާލަން ވާނީ ބޮޑު ތަކުލީފަކަށް. އެހެންވެ ކުނި ގިނަ ވަންދެން ބަހައްޓާފައި އުކާލަން އަހަރެމެން މި ތިބެނީ. ދެން އެތައް ބަޔަކު ކުނި އަޅާއިރު ގިނަ ވާނެ ދޯ," ފްލެޓެއްގެ ވެރިއަކު ކިޔައިދިނެވެ.

"ހިޔާ ފްލެޓަށް މީހުން ބަދަލުވީއިރު ވެސް ނުޖެހޭ މި މައްސަލައެއް, އެއީ އޭރު ކުނި އަޅަން ވަކި ހާއްސަ ތަނެއް ހަދައިފައި ގިނަ ވީމަ އެޗްޑީސީން އުކާލާތީ,"

މި ކަމާ ކަންބޮޑުވުން ފާޅުކުރާ ގިނަ މީހުން ބުނާ ގޮތުގައި, އެ ކަމުގެ ސަބަބުން އެ ސަރަހައްދުގައި އުޅެން ވަރަށް އުނދަގޫވެއެވެ. އަދި އަބަދު ވަދެ ނުކުމެ ހަދަން ޖެހޭއިރު މި ގޮތަށް ކުނިތައް ހުންނާތީ ވަރަށް ދަތިވާކަމަށް ވެސް ކިޔައިދިނެވެ.

އެފްޑީސީ ފްލެޓުތައް ކުނިގޮނޑަކަށް ވުމުގެ އަސްލަކީ ކޮބާ؟

އެފްޑީސީން ބުނާ ގޮތުގައި ފްލެޓުގެ އެއްބަސްވުމުގައިވާ ގޮތުން އެފްޑީސީން އުކާލާނީ ގޭތެރޭގައި އާންމުކޮށް އުފެދޭ ކުންޏާއި ކުނިވާ ޒާތުގެ ތަކެތި ކަމަށެވެ. ބޮޑެތި ކުނިތަކާއި ފްލެޓަށް ބަދަލުވާއިރު އުފެދޭ ކުނި އުކާލުމުގެ ޒިންމާ އޮންނަނީ ފްލެޓް ވެރިންނަށް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. އެހެން ނަމަވެސް, ފްލެޓުގެ އެކި ސަރަހައްދުތަކަށް ކުނި އަޅާކަން ފާހަގަކުރެވިފައިވާކަމަށް އެ ކުންފުނިން ވެސް ބުނެއެވެ.

އެ ސަރަހައްދުގައި ކުނި ގިނަ ވާތީ އެ ކުންފުނިން މީގެ ކުރިން ވެސް ވަނީ ކުނި އުކައިލައިފައެވެ. އެހެން ނަމަވެސް, އުކާލާއިރަށް ކުނި އަޅަނީކަމަށް އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވިއެވެ.

މި ކަމުގައި އެފްޑީސީން ކޮންމެ ފަހަރަކު ކުނި އުކައިލި ނަމަވެސް, ދާއިމީ ހައްލެއް ލިބޭނީ ފަރުދީ ޒިންމާ ނަގައިގެން ކަމަށް އެ ސަރަހައްދުގައި އުޅޭ މީހުން ވެސް ގަބޫލު ކުރެއެވެ.

"އެކަކު އެޅީމަ އަނެކަކު ވެސް އަޅަނީ, ދެން އުކާލާކަށް ފަހުން ނުހުރޭ ހަނދާނެއް އެކަކު ވެސް," ފްލެޓަކަށް ބަދަލުވާން ތައްޔާރުވާ މީހަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ފްލެޓަށް ބަދަލުވާން ވެސް ހަރަދު ހިނގާއިރު, ކުނި އުކާލުމުގެ ޒިންމާއަށް ފައިސާ ހޭދަ ނުކުރެވެން ވީ ސަބަބެއް ނެތެވެ. އަދި އެ ތަން ސާފުކޮށް ބެލެހެއްޓުމަކީ ހުރިހާ ފްލެޓެއްގެ ވެރިންގެ ވެސް ޒިންމާއެއް ކަމަށް އޭނާ ގަބޫލު ކުރެއެެވެ.

ފަރުދީ ޒިންމާ ކޮބާ؟

ސޯޝަލް ހައުސިންގްގެ ގޮތުގައި ތަރައްގީކޮށްފައިވާ ފްލެޓްތަކަކީ ގިނަ އަދަދެއްގެ އާއިލާތަކެއް އެއް ފުރާޅެއްގެ ދަށުގައި ދިރިއުޅޭ ތަންތަނެވެ. މިފަދަ ތަންތަނަށް މީހުން ބަދަލުވާއިރު، ކުނި މެނޭޖުކުރުމުގެ ރަނގަޅު އާދަތައް ހުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކުނި މެނޭޖުކުރުމުގައި އެއް ބަޔަކު ކުރާ އިހުމާލެއްގެ ސަބަބުން އެތައް ބަޔަކަށް އޭގެ ނޭދެވޭ އަސަރު ކުރެއެވެ. މަގުމައްޗަށާއި، ސިޑިގޮޅިތަކަށް ކުނި އެޅުމަކީ މުޅި ސަރަހައްދު ހަޑިވެ، ބަލިމަޑުކަން ފެތުރުމަށް މަގުފަހިވާ ކަމެކެވެ. މިފަދަ ކަންކަން ތަކުރާރުވުމަކީ ކުރިމަތީގައި އޮތް ޖީލުތަކަށް ވެސް އޭގެ އުނދަގޫތައް ކުރިމަތިވާނެ ކަމެކެވެ.

މި މައްސަލަ ހައްލުކުރެވޭނީ ކޮންމެ ފަރުދަކުވެސް އަމިއްލަ ޒިންމާ އަދާކޮށްގެންނެވެ. ކުނި ކަނޑައެޅިފައިވާ ތަންތަނަށް އުކާލުމާއި، ސާފުތާހިރުކަމަށް އިސްކަންދިނުމަކީ އެންމެންގެ ލާބައާއި މަންފާއަށްޓަކައި ކުރަންޖެހޭ ކަމެކެވެ. އަޅުގަނޑުމެންގެ ދިރިއުޅޭ މާހައުލަކީ ހިތްފަސޭހަ ތަނަކަށް ހެދޭނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެންނެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%