އޮންލައިންކޮށް ޕެޓިޝަން ހުށަހެޅޭ "އީ-ޕެޓިޝަން ޕޯޓަލް" އިފްތިތާހުކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 7 ގަޑިއިރު ކުރިން - 8 ފެބްރުއަރީ 2026 20:00
"އީ-ޕެޓިޝަން ޕޯޓަލް" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
"އީ-ޕެޓިޝަން ޕޯޓަލް" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ޚުލާސާ

މި ޕޯޓަލް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުންނަ ރައްޔިތަކަށްވެސް ފަސޭހަކަމާއެކު އޮންލައިންކޮށް ޕެޓިޝަން ހުށަހެޅޭނެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ޒަމާނީކޮށް ޑިޖިޓަލައިޒްކުރުމަށާއި، ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް އެޅުނު ތާރީހީ ފިޔަވަޅެއްގެ ގޮތުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް އިލެކްޓްރޯނިކް ޕެޓިޝަން ސިސްޓަމް ނުވަތަ "އީ-ޕެޓިޝަން ޕޯޓަލް" މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، އީ-ޕެޓިޝަން ޕޯޓަލް ތައާރަފުކުރެވިގެން ދިއުމަކީ ޒަމާނީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންގެ ބައިވެރިވުން ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިއީ ރައްޔިތުންނާއި މަޖިލީހާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށްދޭނެ ވަސީލަތެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އަލަށް ތައާރަފުކުރި މި ޕޯޓަލް ފަރުމާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) މޯލްޑިވްސް ގުޅިގެން، އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަމާއެކުގައެވެ. މިއީ 2023 ވަނަ އަހަރު އަންހެނުންނާއި، ޒުވާނުން އަދި މަދަނީ ޖަމްޢިއްޔާތަކާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހު އެކުލަވައިލި ސިޔާސަތު ކަރުދާހެއްގެ މައްޗަށް ބިނާކޮށް ކުރިއަށްގެންގޮސްފައިވާ މަސައްކަތެކެވެ.

މި ޕޯޓަލް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުންނަ ރައްޔިތަކަށްވެސް ފަސޭހަކަމާއެކު އޮންލައިންކޮށް ޕެޓިޝަން ހުށަހެޅޭނެ އެވެ. މީގެ ސަބަބުން ޕެޓިޝަން ހުށަހެޅުމުގައި މަޖިލީހުގެ މެންބަރުންނަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވެގެންދާނެ އެވެ. ޕޯޓަލްގައި ސޮއިކުރުމާއި ސޮއިކުރާ ފަރާތްތަކުގެ ސައްހަކަން ކަށަވަރުކުރާނީ 'އީ-ފާސް' މެދުވެރިކޮށެވެ.

މި ނިޒާމުގެ ދަށުން ޕެޓިޝަން ހުށަހަޅާ ފަރާތްތަކަށް އެ ފަރާތްތަކުގެ ފޯނު ނުވަތަ ސްމާޓް ޑިވައިސްތައް މެދުވެރިކޮށް ޕެޓިޝަނަށް ސޮއި ހޯދުމާއި، އެ ޕެޓިޝަނެއް މަޖިލީހުގައި ކުރިއަށްދާ ގޮތުގެ އަދާހަމަ މައުލޫމާތު ވަގުތުން ބަލައިލެވޭނެ އެވެ. އަދި ޕެޓިޝަންތަކަށް ޖަވާބުދާރީވާނެ ވަކި މުއްދަތުތަކެއް ކަނޑައަޅައި، ހާއްސަ ޕެޓިޝަންތަކާ މެދު މަޖިލީހުގެ ތަޅުމުގައި ބަހުސްކުރެވޭނެ މަގުވެސް ވަނީ ފަހިކޮށްދީފަ އެވެ.

މި ޕޯޓަލް އިފްތިތާހުކުރުމާއެކު، ދެކުނު އޭޝިއާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގެ ތެރެއިން ގާނޫނު ހަދާ މަޖިލީހަކުން މިފަދަ ނިޒާމެއް ޤާއިމުކުރި މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ވަނީ ހިމެނިފަ އެވެ. މި ސަރަހައްދުން މިފަދަ ނިޒާމެއް މީގެ ކުރިން ގާއިމުކޮށްފައިވަނީ ހަމައެކަނި ޕާކިސްތާނާއި ތައިލެންޑުގަ އެވެ.

މަޖިލީހުން ބުނިގޮތުގައި، މި އައު ނިޒާމުގެ ސަބަބުން ޕެޓިޝަން ހުށަހެޅުމުގައި ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަވެ، މުޅި މަރުހަލާގެ ދެފުށް ފެންނަ މިންވަރު އިތުރުވެގެންދާނެ އެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%