ބޭބީބިއޯ ފޯމިއުލާގެ ބައެއް ބެޗުތަކުން ޖަރާސީމު ފެނިގެން ރާއްޖޭގައި ވިއްކުން މަނާކޮށްފި

އަހްމަދު އީޒާން | 16 ގަޑިއިރު ކުރިން - 8 ފެބްރުއަރީ 2026 10:15
"ބޭބީބިއޯ" ބްރޭންޑުގެ އިންފެންޓް ފޯމިއުލާގެ ބެޗުތަކުން "ސެރެއުލައިޑް" ކިޔާ ވިހަ މާއްދާއެއް ވަނީ ފެނިފަ---
"ބޭބީބިއޯ" ބްރޭންޑުގެ އިންފެންޓް ފޯމިއުލާގެ ބެޗުތަކުން "ސެރެއުލައިޑް" ކިޔާ ވިހަ މާއްދާއެއް ވަނީ ފެނިފަ---
ޚުލާސާ

ބޭބީބިއޯ ފޯމިއުލާގެ ބައެއް ބެޗުތަކުން "ސެރެއުލައިޑް" ކިޔާ ވިހަ މާއްދާއެއް ވަނީ ފެނިފަ

ފްރާންސްގައި އުފައްދާ "ބޭބީބިއޯ" ބްރޭންޑުގެ އިންފެންޓް ފޯމިއުލާގެ ބައެއް ބެޗުތަކުން ޖަރާސީމު ފެނިފައިވާތީ، އެ ތަކެތި ރާއްޖޭގައި ވިއްކުމާއި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު މަނާކޮށްފިއެވެ.

އެމްއެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، ބޭބީބިއޯ ފޯމިއުލާގެ ބައެއް ބެޗުތަކުން "ސެރެއުލައިޑް" ކިޔާ ވިހަ މާއްދާއެއް ފެނިފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން އެ އުފެއްދުންތައް ބާޒާރުން ނެގުމަށާއި، ނުވިއްކުމަށް އަދި ނައްތާލުމަށް ފްރާންސްގެ ކަމާބެހޭ ފަރާތްތަކުން އަންގާފައިވާ ކަމުގެ މައުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް (RASFF) މެދުވެރިކޮށް ލިބިފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

ސެރެއުލައިޑަކީ "ބެސިލަސް ސީރިއަސް" ޖަރާސީމުން އުފައްދާ ވިހަ މާއްދާއެކެވެ. މި މާއްދާއިން ތަޣައްޔަރުވެފައިވާ ކާނާއެއް ބޭނުންކުރެވިއްޖެ ނަމަ، މޭނުބައިކުރުމާއި، ހޮޑުލެވުމުގެ އިތުރުން ބަނޑުގައި ރިއްސުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވެ އެވެ.

އެމްއެފްޑީއޭ އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭބީބިއޯ ބެޗުތައް ބޭނުންނުކުރުމަށް އިލްތިމާސްކޮށްފަ އެވެ. އެ ބެޗުތަކަކީ:

  1. ބޭބީބިއޯ އޮޕްޓިމާ 1 (400 ގްރާމް) - ބެޗު ނަމްބަރު: 900932
  2. ބޭބީބިއޯ އޮޕްޓިމާ 1 (800 ގްރާމް) - ބެޗު ނަމްބަރު: 894408
  3. ބޭބީބިއޯ އެޕްޓިމާ 1 (800 ގްރާމް) - ބެޗު ނަމްބަރު: 900035
  4. ބޭބީބިއޯ ކެޕްރީއާ 1 (800 ގްރާމް) - ބެޗު ނަމްބަރު: 899014

މިފަދަ ހާދިސާތަކަކީ ކުޑަކުދިންގެ ސިއްހަތަށް ބޮޑު ނުރައްކަލެއް އޮތް ކަމަކަށްވާތީ، އެމްއެފްޑީއޭ އިން ދަނީ ބާޒާރުގައި ހުރި މިފަދަ އުފެއްދުންތައް މޮނިޓާ ކުރަމުންނެވެ. މީގެ ކުރިން، މިދިޔަ އަހަރުގެ ފަހުކޮޅު ވެސް "ކުލޮސްޓްރިޑިއަމް ބޮޓުލިނަމް" ޖަރާސީމުން ތަޣައްޔަރުވެފައިވާތީ ބައިހާޓް ހޯލް ނިއުޓްރިޝަން އިންފެންޓް ފޯމިއުލާ ބޭނުންކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.


Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%