ބާޒާރުމަތީ މަގުގައި ތާރުއެޅުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށަނީ

މުހައްމަދު ޖަމްޝަތު | 8 ގަޑިއިރު ކުރިން - 7 ފެބްރުއަރީ 2026 19:11
ބާޒާރުމަތީ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ---ފޮޓޯ: އެމްޓީސީސީ
ބާޒާރުމަތީ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ---ފޮޓޯ: އެމްޓީސީސީ
ޚުލާސާ

ރޯދައިގެ ކުރިން އެމަގުގެ މަސައްކަތް ނިންމައި ހުޅުވާލާނެ ކަމަށް އެމްޓީސީސީން ބުނޭ

މާލޭ ބޮޑުތަކުރުފާނު މަގުގެ ބާޒާރުމަތީ ސަރަހައްދު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އަންނަ ހަފްތާގެ ތެރޭގައި އެ ސަރަހައްދުގައި ތާރުއެޅުމުގެ މަސައްކަތް ފަށާނޭކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން މިއަދު ހާމަކުރިގޮތުގައި މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން މިހާރު ކުރިއަށްދަނީ ސަބްބޭސް އެއްވަރުކޮށް ނިންމުމުގެ މަސައްކަތެވެ. އެ ކުންފުނިން ބުނި ގޮތުގައި ސަބްބޭސްގެ މަސައްކަތް ނިންމައި، މި ފެށޭ ހަފްތާގެ ތެރޭގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް މިހާރު ވަނީ ތާވަލް ކުރެވިފަ އެވެ.

ތާރުއެޅުމުގެ މަސައްކަތުގެ އިތުރުން، ބަނދަރު ސަރަހައްދުގެ ކާނު ހެދުމާއި، މަގުބައްތިތައް ހަރުކުރުމުގެ އިތުރުން މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތްތައްވެސް ބާރު ސްޕީޑްގައި ކުރިއަށްދާނޭކަމަށް އެމްޓީސީސީން ބުނެ އެވެ. މި މަސައްކަތްތައް ނިމުމުން އެ ސަރަހައްދަށް އެކި ބޭނުންތަކުގައި ޒިޔާރަތްކުރާ އާންމުންނަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ އެވެ.

Ad

ބާޒާރުމަތީ މަގުހެދުމުގެ މަޝްރޫއުގެ ދަށުން މަގު ހަތަރު ލޭނަށް ފުޅާކޮށް ތާރުއެޅުމަށް ވަނީ ހަމަޖެހިފަ އެވެ. މި މަޝްރޫއު ނޯތް ހާބަރު ސަރަހައްދާ ހަމަޔަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، އެ ސަރަހައްދުގެ މަސައްކަތްތައްވެސް އެމްޓީސީސީން މިހާރު ވަނީ ފަށާފަ އެވެ. މި މަޝްރޫއުގެ ދަށުން ލޯކަލް މާރުކޭޓް ސަރަހައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅާނެ އެވެ.

މީގެ އިތުރުން އެއްގަމު ތޮށި ހަ މީޓަރަށް ބޭރަށް ޖައްސައި މަގު ފުޅާކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ސަބަބުން އެ މަގަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިފައިވާ ޒަމާނީ މަގަކަށް ވެގެންދާނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެ އެވެ.

އެމްޓީސީސީގެ އަމާޒަކީ ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ ހުރިހާ މަސައްކަތްތަކެއް ނިންމައި އާންމުންނަށް ބޭނުންކުރުމަށް މަގު ހުޅުވާލުމެވެ.


Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%