އީރާނާއި ކުރިމަތިލާން ޖެހިއްޖެ ހާލަތެއްގައި ބޭނުން ކުރުމަށް މެދުއިރުމައްޗަށް އިނގިރޭސިވިލާތުގެ މަނަވަރުތަކާއި ޖެޓުތައް ފޮނުވައިފިއެވެ. މިހާރުވެސް 3 މަނަވަރު ފޮނުވާފައި އެބަ އޮތެވެ.
މީގެ އިތުރުން ސައިޕްރައިސްގައި ހުންނަ ބްރިޓިޝް އެއާބޭސް ކަމަށްވާ ރޯޔަލް އެއާފޯސް ބޭސް (އާރްއޭއެފް އަކްރޮޓިރީ) އަށް ވެސް އިނގިރޭސިވިލާތުން ވަނީ “އެފް-35ބީ” ގެ 6 ޖެޓް ފޮނުވާފައެވެ.
ސައިޕްރަސް އަކީ އިސްރާއީލާއި 260 ވަރަކަށް މޭލުގައި އޮންނަ ޤައުމެކެވެ. ސައިޕްރަސް އާއި އީރާނާއި ދެމެދުގައި ވަނީ ގާތްގަނޑަކަށް 1170 އެއްހާ މޭލެވެ.

ސައިޕްރަސްގެ ބަނދަރުގައި އިނގިރޭސިވިލާތުގެ ހަނގުރާމަމަތީ މަނަވަރު.
އިނގިރޭސިވިލާތުން މެޑިޓެރޭނިއަން ކަނޑުގެ އިރުމަތީ ސަރަހައްދަށް ބާރުތައް ޖަމާކުރަމުންދަނީ އެމީހުންގެ އެކުވެރި ގައުމުތަކަށް އީރާނުން ހަމަލާ ދީފާނެތީވެ، ދުރާލާ ފިޔަވަޅު އެޅުމަށް ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ. ނަމަވެސް އިނގިރޭސި އަސްކަރިއްޔާއިން ބުނަނީ މިއީ އެ އަސްކަރިއްޔާއިން ކުރިއަށް ގެންދާ ރޫޓިން ސެކިއުރިޓީ ރިވިއުތަކުގެ ބައެއް ކަމަށެވެ.
އިނގިރޭސީން ވަނީ އިސްރާއީލު ކައިރިޔަށް ވެސް މަނަވަރެއް ފޮނުވާފައެވެ. އޭރި އޮތީ އިސްރާއީލުގައި މިހާރު ބަނދަރު ކޮށްފައެވެ. އިނގިރޭސީން ބުނީ އިސްރާއީލަށް އައިސްދާނެ ޙަމަލާ އަކުން އެ ޤައުމު ސަލާމަތް ކުރުމަށް އިނގިރޭސި މަނަވަރު އެތަނުގައި އޮތީ ކަމަށެވެ.
ހަމަ އެހެންމެ އިނގިރޭސިވިލާތުން ވަނީ ހުސްވި މަހު ޤަޠަރާއި އެކު އެއްބަސްވުމެއް ހަދައި 4 "ޓައިފޫން" ފަޔަރ ޖެޓް ގަތަރަށް ވެސް ފޮނުވާފައެވެ.

ޓައިފޫން ފަޔަރ ޖެޓް: މެދުއިރުމަތީގެ މައްސަލަތައް ހޫނު ވުމާއި އެކު އިނގިރޭސި ސަރުކާރުން ވަނީ ޤަޠަރަށް މީގެ 6 ޖެޓް ފޮނުވާފައި.
އިނގިރޭސީން ބުނީ އެއީ ޤަޠަރުން އެދިގެން ފޮނުވާފައިވާ އުޅަނދުތަކެއް ކަމަށާއި، ހަނގުރާމައިގެ ތެރެއަށް ވަންނާކަށް ބޭނުން ނުވާ ކަމަށެވެ.










