ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓު ސަރުކާރުން އަލުން ގެޒެޓުކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 3 ގަޑިއިރު ކުރިން - 6 ފެބްރުއަރީ 2026 23:39
ޓެރަރިސްޓުންގެ ގޮތުގައި 19 ޖަމާއަތެއް ކަނޑައަޅާފައިވޭ.
ޓެރަރިސްޓުންގެ ގޮތުގައި 19 ޖަމާއަތެއް ކަނޑައަޅާފައިވޭ.
ޚުލާސާ

މި ލިސްޓުގައި ހިމެނޭ ޖަމާއަތްތަކުގެ ހަރަކާތްތަކަށް ހިތްވަރުދޭ މީހުންނަށްވެސް ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އެޅޭނެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި މަނާކޮށްފައިވާ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލުން ގެޒެޓުކޮށް އާންމުކޮށްފި އެވެ.

މި ލިސްޓަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން، ކަނޑައަޅުއްވަންޖެހޭ ލިސްޓެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މި ލިސްޓު އަލުން އާންމުކުރީ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިންނެވެ.

މިފަހަރު ގެޒެޓުކުރި ލިސްޓުގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރެވިފައިވާ ޖުމްލަ 19 ޓެރަރިސްޓް ޖަމާއަތެއް ހިމަނާފައިވެ އެވެ. މި ލިސްޓުގައި ހިމެނޭ ޖަމާއަތްތަކަކީ؛

  1. އަލް ގައިދާ
  2. އަލް ގައިދާ އިން ދި އަރަބިއަން ޕެނިންސިއުލާ
  3. އަލް ގައިދާ އިން ދި އިސްލާމިކް މަގްރިބް
  4. އަލް ގައިދާ އިން ދި އިންޑިއަން ސަބްކޮންޓިނެންޓް
  5. ޖަބްހަތު އަލް ނުސްރާ
  6. ހުއްރާސް އަލް ދީން
  7. އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންޑް ސީރިއާ
  8. އިސްލާމިކް ސްޓޭޓް - ހޮރާސަން ޕްރޮވިންސް
  9. އަބޫ ސައްޔާފް
  10. ބޯކޯ ހަރަމް
  11. އަލް ޝަބާބް
  12. ނެޝަނަލް ތައުހީދު ޖަމާއަތް
  13. ޖަމާއަތޭ މިއްލަތޭ އިބްރާހީމް
  14. ލަޝްކަރޭ ތައިބާ
  15. ތެހްރިކޭ ތާލިބާން ޕާކިސްތާން
  16. ވިލާޔަތު އައްސޭލާނީ
  17. ޖައިޝޭ މުހައްމަދު
  18. ހަރަކާތުލް ޖިހާދު އަލް އިސްލާމް
  19. ޖަމާ އަންޝާރޫތު ދައުލާ

މި ލިސްޓު އަލުން ގެޒެޓުކުރުމުގެ މައިގަނޑު ބޭނުމަކީ، ރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ބައިނަލްއަގުވާމީ މުޖުތަމައުއާ ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމެވެ. މީގެ އިތުރުން، މިފަދަ ޖަމާއަތްތަކާ ގުޅިގެން ހިންގާ ހަރަކާތްތަކާއި، އެ ޖަމާއަތްތަކަށް ތާއީދުކޮށް ވާހަކަދެއްކުމަކީ ރާއްޖޭގެ ގާނޫނުގެ ދަށުން އަދަބު ކަނޑައެޅިފައިވާ ބޮޑެތި ކުށްތަކެއްކަން އާންމުންނަށް ހަނދާންކޮށްދިނުމަކީވެސް މި ލިސްޓު އާންމުކުރުމުގެ އެއް މަގްސަދެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ބުނާގޮތުން، މި ލިސްޓުގައި ހިމެނޭ ޖަމާއަތެއްގެ މެންބަރަކަށްވުމަކީ ނުވަތަ އެފަދަ ޖަމާއަތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ބޮޑު ކުށެކެވެ. އަދި އެފަދަ ޖަމާއަތްތަކުގެ ހަރަކާތްތަކަށް ހިތްވަރުދޭ މީހުންނަށްވެސް ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އެޅޭނެއެވެ.

މި ލިސްޓު މިއަދު އަލުން ގެޒެޓުކުރުމާ ގުޅިގެން، ކަމާބެހޭ ސަލާމަތީ ބާރުތަކުން އެކަމަށް ސަމާލުވެ، ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތްތައް އިތުރަށް ވަރުގަދަކުރާނެ ކަމަށް ބެލެވެއެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%