ކާމިޔާބުކަން ނޭދޭ މީހަކު ހުރިހެއްޔެވެ؟ ހަމަ ޔަޤީނުންވެސް ނޫނެކެވެ. ކޮންމެ މީހަކުވެސް ބޭނުންވަނީ މިދުނިޔެއާއި އާޚިރަތުގައި ކާމިޔާބުވާށެވެ. ކާމިޔާބުކަމުގެ ސާދާ ބައިތައް ދިރިއުޅުމަށް އިތުރުކޮށްފިނަމަ، ހިތާއި، ސިކުނޑިއާއި، ފުރާނައިގެ ހަމަޖެހުމާއި ސާބިތުކަން ލިބިގެންދާނެއެވެ. މި ތަޅުދަނޑިތަކަކީ:
ﷲ އަށް ތަވައްކުލުކުރުމާއި ކެތްތެރިވުން
އެކަލާނގެ ވަންތަ ލޯބިފުޅުން، އަޅުތަކުން އިމްތިޙާނު ކުރައްވަން އެދިވޮޑިނުގަންނަވާ ހިނދު، ﷲ ސުބުޙާނަހޫ ވަތަޢާލާ އެދިވޮޑިގަންނަވަނީ އަޅުތަކުންގެ ކަންކަން ފަސޭހަކަމާއެކު ހިނގުމަށެވެ. މިއީ ޤުރުއާނުގެ އެތައް އާޔަތެއްގައި އަޅުތަކުންނަށް ކެތްތެރިކަން އަށަގެންނެވުމަށާއި، އަދި އެބައިމީހުންގެ ބޭނުންތައް ފުއްދުމަށްޓަކައި އެކަލާނގެއަށް ތަވައްކުލުކުރުމަށް އަމުރުކުރައްވާފައިވާ ސަބަބެވެ.
Advertisement

"ތަވައްކުލާއި އޭގެ މަންފާތައް"
ތަވައްކުލަކީ އިންސާނާގެ ހިތުގައި އުފެދޭ ރޫޙާނީ ޙާލަތެކެވެ. އެއީ އަޅުތަކުން މުޅިން ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ބަރޯސާވެ، އެ މާތް ރަސްކަލާނގެއަށް ފުރިހަމައަށް އިތުބާރުކުރާ މަތިވެރި މަޤާމެވެ. މި މަޤާމުގައި، އިންސާނާ ކުރާ ކޮންމެ ޢަމަލަކާއި، އޭނާއަށް ކުރިމަތިވާ ކޮންމެ ހާދިސާއެއްވެސް ވަނީ ހަމައެކަނި ﷲގެ އިރާދަފުޅާއި ޤަދަރުންކަން ޤަބޫލުކުރެއެވެ. އަދި މާތް ރަސްކަލާނގެއީ އެންމެހައި ކަންކަމުގެ ޙަޤީޤީ ވެރިފަރާތްކަން ފުންކޮށް އިޙްސާސްކުރެއެވެ. ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީ ހޯދުމަށްޓަކައި، އަޅުތަކުން ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އިތުބާރުކުރަންޖެހޭކަން ޤުރުއާނާއި ސުންނަތުން އަންގަވާފައިވެއެވެ. މިއީ އީމާންކަމުގެ އެންމެ މަތިވެރި ދަރަޖަތަކުގެ ތެރެއިން އެއް ދަރަޖައެވެ.
"އަޅަމެންނަށް ޖެހޭނީ ހަމައެކަނި ﷲ އަހަރެމެންނަށް ލިޔުއްވާފައިވާ ކަންތައްތަކެވެ. އެއިލާހީ އަހަރެމެންގެ ރައްކާތެރިވެ ވޮޑިގެންވާ ފަރާތެވެ. ފަހެ، މުއުމިނުން ވަކީލުކުރާހުށި ކަމެއް ﷲގެ ޙަޟްރަތުގައެވެ." [ޤުރުއާން، 9:51]
"އެއިލާހީ އެންމެ ރަޙްމަތްވަންތަ ރަސްކަލާނގެއެވެ. އަހަރެމެން އެއިލާހަށް އީމާންވެއްޖައީމެވެ. އަދި އެއިލާހުގެ ޙަޟްރަތުގައި ވަކީލުކުރީމެވެ. ފަހެ، ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެއެވެ. އަހަރެމެންގެ ތެރެއިން ކާކުކަން ބަޔާންވެގެންވާ މަގުފުރެދުމެއްގައި ވަނީ." [ޤުރުއާން، 67:29]
ތަވައްކުލު ކުރުމުގެ މުހިންމުކަން އޮންނަނީ ހަމައެކަނި ދަތި އުނދަގޫ ވަގުތުތަކުގައެއް ނޫނެވެ. ފާގަތި އުފާވެރި ދުވަސްވަރުގައިވެސް އެއާ އެއްހަމައެއްގައި މުހިންމެވެ. އުފާވެރި ވަގުތުތަކުގައި ހުރިހާ ނިޢުމަތަކާއި އުފަލެއް ދެއްވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާކަން ހަނދުމަކުރުމުން، އެކަލާނގެ މަތިވެރިކަމުގެ ކުރިމަތީގައި އަޅުތަކުންގެ ނިކަމެތިކަން ވިސްނައިގަތުމަށް އެހީތެރިވެދެއެވެ.
"ކެތްތެރިކަން (ޞަބުރު) އަދި އޭގެ މަންފާތައް"
އެންމެ ފުރަތަމަ އުފެދޭ ސުވާލަކީ: އަޅުގަނޑުމެންނަށް ކެތްތެރިކަން މުހިންމުވަނީ ކީއްވެގެންތޯ؟
އަޅުގަނޑުމެންނަށް ކެތްތެރިކަން ބޭނުންވަނީ، ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން ލޯބިކުރާ ނިޢުމަތެކަށްވާތީއެވެ. މިސާލަކަށް ވަޒީފާ، މަޤާމު، މުދާ، ދަރިން، ނުވަތަ އެހެނިހެން ތަކެތި ފަދަ އެއްޗެއް އަތުލައިގަންނަވާ ނުވަތަ ހިފަހައްޓަވާ ހިނދުގައެވެ. މިފަދަ ޙާލަތެއްގައި، ހުރިހާ އެއްޗެއްގެ ވެސް ބާރުވެރިކަން އޮތީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށްކަން ހަނދާންކުރަން ޖެހެއެވެ. މި ޙަޤީޤަތް ޤަބޫލުކުރުމުން، އިންސާނާއަށް ދިމާވާ ކޮންމެ ގެއްލުމަކަށް ކެތްތެރިވުމަށާއި، ހިތުގެ ހިތާމަ ފިލުވައި، ނަފްސާނީ ހަމަޖެހުމެއް ހޯދުމަށް މަގުފަހިވެގެންދެއެވެ.
އާންމު ގޮތެއްގައި އުނދަގޫ ވަގުތުތަކުގައި ކެތްތެރިވުމަކީ ގިނަ މީހުންނަށް ދަތި ކަމެކެވެ. ނަމަވެސް ﷲ ސުބުޙާނަހޫ ވަތަޢާލާއަކީ އެންމެ ތެދުވެރި އަދި ކުޅަދުންވަންތަ، އެކަލާނގެއަކީ އަލް-ވަކީލް، އެބަހީ އެންމެ ފުރިހަމަ ގޮތުގައި ކަންކަން ނިންމަވާ ފަރާތްކަމަށް ޔަޤީންކޮށް އީމާންވާނަމަ، އަޅުގަނޑުމެންގެ އެންމެހައި ކަންކަން އެކަލާނގެއާ ޙަވާލުކުރުމަކީ ފަސޭހަ ކަމަކަށް ވެގެންދާނެއެވެ.
"އަދި ﷲ އަށް ތަވައްކުލުކުރާށެވެ! އަދި ﷲ އީ، ވަކީލެއްގެ ގޮތުން ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ." [ޤުރުއާން، 33:3}
ކެތްތެރިކަމުގެ އެންމެ ފާހަގަކޮށްލެވޭ މިސާލުތަކުގެ ތެރެއިން އެއް މިސާލަކީ ޙަޟްރަތް ޔަޢުޤޫބުގެފާނެވެ (ޢަލައިހިއްސަލާމް). ﷲ (ސުބްޙާނަހޫ ވަތަޢާލާ) އެކަލޭގެފާނުގެ އަތުން އެންމެހައި ތަކެތި ނިގުޅައިގަތެވެ. މީގެ ތެރޭގައި އެކަލޭގެފާނުގެ ދަރިންނާއި، މުދަލާއި އަދި ޞިއްޙަތުވެސް ހިމެނެއެވެ. އެހެންނަމަވެސް، އެކަލޭގެފާނުގެ ހިތް އޮތީ ހަމަޖެހިފައެވެ. މިއީ އެކަލޭގެފާނު ﷲ އަށް ތަވައްކުލުކުރެއްވުމާއި ކެތްތެރިވެވަޑައިގަތުމުގެ ނަތީޖާއެކެވެ. އެކަލޭގެފާނުގެ ހިތުގެ ޙާލަތު ދެނެވޮޑިގެންވާތީ، ﷲ (ސުބްޙާނަހޫ ވަތަޢާލާ) އެކަލޭގެފާނަށް އޭގެ ފަހުން އިތުރު ނިޢުމަތްތަކާއި ދާއިމީ ކާމިޔާބީ މިންވަރުކުރެއްވިއެވެ. ﷲ (ސުބްޙާނަހޫ ވަތަޢާލާ) ލޯބިވެވޮޑިގަންނަވަނީ ކެތްތެރިންނަށެވެ. އެހެންކަމުން، ﷲ ގެ ލޯބި ލިބިގެންވާ މީހަކަށްވުރެ ކާމިޔާބު މީހަކު އޮންނާނެ ހެއްޔެވެ؟
ކާމިޔާބާއި ފާގަތިކަމުގެ އަސާސީ ޝަރުޠެއްގެ ގޮތުގައި ކެތްތެރިކަން ވަނީ ކަނޑައެޅިފައެވެ.
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކެތްތެރިވާށެވެ! އަދި (އެހެން މީހުންނަށްވުރެ) ކެތްތެރިވުމުގައި ކުރިއަރައިގަންނާށެވެ! އަދި (ޖިހާދަށް) ތައްޔާރުވެ ތިބޭށެވެ! އަދި ﷲ އަށް ތަޤްވާވެރިވާށެވެ! ތިޔަބައިމީހުންނަށް ކާމިޔާބު ލިބުމަށްޓަކައެވެ." [ޤުރުއާން، 3:200]
އަމިއްލަ ޤާބިލިއްޔަތުތަކަށް އެކަނި ބަރޯސާވުމުގެ ބަދަލުގައި، ﷲ ސުބުޙާނަހޫ ވަތަޢާލާއަށް މުޅިން ބަރޯސާވެ، ދަތި އުނދަގޫ ޙާލަތްތަކުގައި ކެތްތެރިކަމާއެކު ސާބިތުވެ ހުރެވޭނަމަ، އިންސާނާގެ ހިތުން ބޮޑާކަމާއި، ފަޚުރުވެރިކަމާއި، އަމިއްލަވަންތަކަމާއި، އަދި އަނާނިއްޔަތުކަން ފިލައިގެންދާނެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، މަސައްކަތުގެ މާޙައުލުގައާއި، ތަޢުލީމީ ދާއިރާގައާއި، އޮފީސް ފަދަ ވަޒީފާގެ މާޙައުލުގައާއި، ގެއާއި ޢާއިލީ މާޙައުލުގައި، އަދި ދިރިއުޅުމުގެ އެހެނިހެން ދާއިރާތަކުގައިވެސް އަމިއްލަ ކަންކަން ހަރުދަނާކަމާއެކު ބެލެހެއްޓުމުގެ ޤާބިލުކަން ލިބިގެންދާނެކަން އިޙްސާސްކުރެވޭނެއެވެ. މި އުސޫލުތަކަށް ޢަމަލުކުރުމުން ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީއާ ހަމައަށް ވާޞިލުވުމަށް މަގުފަހިވެގެންދާނެއެވެ. ވުމާއެކު، މި މުހިންމު ޙަޤީޤަތް ރަނގަޅަށް ދަސްކޮށް، ޢަމަލީ ދިރިއުޅުމުގައި ތަޠްބީޤުކުރުމަށް އަބަދުވެސް މަސައްކަތްކުރަމުން ގެންދިއުން މުހިންމެވެ.







