ފަސް ކާފު ހަމަ، ތެދު ހަބަރު ފޯރުކޮށްދޭ ޒިންމާދާރު މީޑިއާއެއް އޮތުމަކީ ރައްޔިތުންގެ ހައްގެއް: ރައީސް

އައިޝަތު ރުވާ ރިފްޢަތު | 1 ގަޑިއިރު ކުރިން - 5 ފެބްރުއަރީ 2026 23:40
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު 2026ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަނީ/ ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު 2026ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަނީ/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މީޑިއާތަކަށް ދިމާވެފައިވާ މާލީ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ހުޅުމާލޭގެ ފޭސް 1 ގައި ތަރައްގީކުރާ "މީޑިއާ ވިލެޖް" ގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވި.

ސައްތައިން ސައްތަ އިސްލާމީ މުޖުތަމައެއްގައި ހިފަހައްޓަންޖެހޭ މިންގަނޑުތަކާއެކު، ފަސް ކާފު ހަމަ، ތެދު ހަބަރާއި މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދޭ ޒިންމާދާރު މީޑިއާއެއް އޮތުމަކީ ރައްޔިތުންގެ ހައްގެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ 2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށްޓަކައި، މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައި ބޭއްވި މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ. މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް އަބްދުﷲ އެވެ.

ރައީސްގެ ވާހަކަފުޅުގައި، ރައްޔިތުންގެ މި މުހިންމު ހައްގު ކަށަވަރުކޮށްދިނުމުގައި މި ސަރުކާރުން ސާބިތުވެ ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވި އެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ގައުމުގައި ހަމަޖެހުން ގާއިމްވުމާއި، ތަރައްގީގެ ދުވެލި ރައްޔިތުންނަށް ހާމަކޮށްދިނުމުގެ އިތުރުން ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ހަރުދަނާ މީޑިއާއެއް ގައުމުގައި އޮތުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.

މީޑިއާތަކަށް ފަހި މާހައުލެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ތާރީހުގައި އަލަށް ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދޫކުރަން ފަށާފައިވަނީ މި ސަރުކާރުން ކަމަށެވެ. އެގޮތުން، މިހާތަނަށް 40 މީޑިއާއަކަށް ޖުމްލަ 27,295,532.69 ރުފިޔާ ދޫކޮށްފައިވާކަން އެމަނިކުފާނު ހާމަކުރެއްވި އެވެ.

މީގެ އިތުރުން، މީޑިއާތަކަށް ދިމާވެފައިވާ މާލީ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ހުޅުމާލޭގެ ފޭސް 1 ގައި ތަރައްގީކުރާ "މީޑިއާ ވިލެޖް" ގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވި އެވެ. މި ވިލެޖަކީ މީޑިއާތަކުން ބޮޑު ކުލީގައި އޮފީސްތަކާއި ސްޓޫޑިއޯތައް ހިންގަންޖެހޭ ޖެހުމަށް ހައްލެއް ހޯދައިދިނުމަށް ބިނާކުރާ ތަނެކެވެ.

"މި މީޑިއާ ވިލެޖުގައި 34 ޖާގަ ހިމެނޭނެ. އިރާދަކުރެއްވިއްޔާ މި އަހަރުގެ މެދުތެރޭގައި މިތަން ނިމި، މީޑިއާތަކަށް މިތަނުގެ ބޭނުން ހިފުމުގެ ފުރުސަތު ހުޅުވާލެވޭނެ،" ރައީސް ވިދާޅުވި އެވެ.

މި މަޝްރޫއުގެ ސަބަބުން މީޑިއާތަކަށް ލިބޭ އާމްދަނީން މީޑިއާ އިތުރަށް ތަރައްގީކޮށް ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%