އެމްޑީޕީން ރާއްޖޭގެ ކަނޑުގެ ބައެއް މޮރިޝަން އަށް ވިއްކާލި ސިޓީ އަނބުރާ ގެންނަކަން އަންގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވާ ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސޮއިކުރައްވައިފި އެވެ.
ފޯޅަވަހީގެ ސިޔާދަތީ މިލްކުވެރިކަމާ ގުޅޭގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މޮރިޝަސްއަށް ފޮނުވާފައިވާ ސިޓީ އަނބުރާ ގެނައުމަށް މި ސަރުކާރުން ނިންމާފައިވާކަން ރައީސް އިއުލާނުކުރެއްވީ މިއަދު އެވެ.
އެމްޑީޕީ ސަރުކާރުން ފޮނުވި އެ ސިޓީ އަނބުރާ ގެންނަކަން އަންގައި މޮރިޝަސްގެ ބޮޑު ވަޒީރަށް ރައީސް ފޮނުއްވާ ސިޓީފުޅުގައި މިހާރު ސޮއިކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދާދި ދެެންމެއަކު ވަނީ ބުނެފަ އެވެ.
ރިޔާސީ ބަޔާން އިއްވަމުން ރައީސް މިއަދު ވިދާޅުވީ ރާއްޖޭގެ ދެކުނު ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ގެއްލޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމި ނިންމުމަކީ ގަބޫލުކުރެވޭނެ ނިންމުމެއް ނޫން ކަމަށެވެ. އަދި ދިވެހީންގެ އިމުން ޒައްރެއްގެ މިންވަރު ވެސް ދޫކޮށްލުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް އެމަނުކުފަނު ވަނީ ވިދާޅުވެފަ އެވެ.
ރައީސް ވަނީ ކުރީގެ ސަރުކާރުން 22 އޮގަސްޓު 2022 ގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ ސަރަހައްދަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް ބައިނަލްއަގުވާމީ މާހިރުން ލަފާދީފައިވާ ކަން ފާހަގަކުރައްވާފަ އެވެ.
"ދިވެހިރާއްޖެއިން އެސިޓީ އަނބުރާ ގެނައުމަށް ނިންމިކަން މި ފަހުރުވެރި ދިވެހި ދައުލަތާއި ލޮބުވެތި އެންމެހައި ދިވެހި ރައްޔިތުންގެ ހައްގުގައި، ތިޔަ އިއްޒަތްތެރި މަޖިލިސް މެންބަރުންގެ ކުރިފުޅުމަތީގައި މި ވަގުތު އަޅުގަނޑު އިއުލާނުކުރަން," ރައީސް ވިދާޅުވިއެވެ.
މި މައްސަލަ ދިރާސާކުރުމަށް ބަންޑާރަނައިބު އެކުލަވާލެއްވި ތިން މެންބަރުންގެ ވިލަރެސް ކޮމިޓީން ތައްޔާރުކުރި ރިޕޯޓްތައް މިދިޔަ ޖެނުއަރީ މަހު ވަނީ ރައީސް އޮފީހަށް ހުށަހަޅާފަ އެވެ. އެ ރިޕޯޓްތަކަށް ބިނާކޮށް، ވަޒީރުންގެ މަޖިލީހުން ވަނީ ކަނޑުގެ ސަރަހައްދު ހޯދުމަށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ނިންމާފަ އެވެ.
ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ އާކިޕެލަޖިކް ބޭސް ޕޮއިންޓްތަކަށް ރިއާޔަތްކޮށް، ގެއްލުނު ސަރަހައްދު ހިމެނޭ ގޮތަށް ރާއްޖޭގެ އީއީޒެޑް ކަނޑައެޅުމަށް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ހާއްސަ އޮފީހެއް ގާއިމުކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.










