ފިރިމީހާ ނުވަތަ އަނބިމީހާގެ ނަމުގައި މާލެ ސަރަހައްދުގައި ގޯއްޗެއް އޮތް ނަމަވެސް، އަލަށް ހުޅުވާލާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ގޯއްޗަށް ކުރިމަތިލެވޭ ގޮތަށް އުސޫލު ބަދަލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފި އެވެ. ރައީސް މިކަން ހާމަކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
މިހާރު އަމަލުކުރަމުންދާ އުސޫލުތަކުގެ ދަށުން، މާލެ ސަރަހައްދުން ގޯއްޗަށް އެދި ހުށަހަޅާއިރު އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ގޯއްޗެއް އޮތް ނަމަ އެ މީހެއްގެ ޝަރުތު ހަމައެއް ނުވެ އެވެ. މީގެ ސަބަބުން ގިނަ ބައެއްގެ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އަނބިމީހާގެ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ގޯއްޗަށް އެދި ކުރިމަތި ލެވޭ ގޮތަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.
"ގޯތި ގެދޮރުގެ ތަނަވަސްކަން ހޯދުމުގެ ފުރުސަތު ހުރިހާ ރައްޔިތުންނަށް ފަހިކޮށްދިނުމުގެ ގޮތުން، ވަކި ކެޓެގަރީ އެއްގެ ގޮތުގައި ތިމާގެ އަނބިމީހާގެ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ގޯއްޗަށް އެދި ކުރިމަތި ލެވޭ ގޮތަށް ވަރަށް އަވަހަށް ހުޅުވާލެވޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން "އާއިލީ ބޯހިޔާވަހިކަމުގެ" ނަމުގައި އާ ޕްރޮގްރާމެއް ފެށުމަށް ވަނީ ނިންމާފައެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ރަސްމާލެއިން 15,000 ގޯތި އަދި ހުޅުމާލެއާއި ވިލިމާލެއިން ތިން ކޮޓަރީގެ 7,900 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން، 2022 ވަނަ އަހަރުގެ "ބިންވެރިޔާ" ސްކީމުން ޖޮއިންޓްކޮށް ގޯތި ލިބިފައިވާ ފަރާތްތަކަށްވެސް އާ ފުރުސަތެއް ދިނުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން ޖޮއިންޓްކޮށް ގޯތި ލިބުނު ހުރިހާ ފަރާތްތަކުން އެ ގޯތި ދޫކޮށްލަން އެއްބަސްވާނަމަ، އޭގެ ތެރޭގައި ހިމެނޭ ކޮންމެ މީހަކަށް ވަކިން ގޯއްޗެއް ލިބޭ ގޮތަށް ހާއްސަ ކެޓެގަރީއެއް ހުޅުވާލާނެ އެވެ.
"ޖޮއިންޓްކޮށް ލިބުނު ކޮންމެ މީހަކަށް ގޯއްޗެއް ލިބޭ ގޮތަށް ވަކި ކެޓެގަރީއެއް ހުޅުވާލަންވެސް ވަނީ ނިންމާފައި. 15000 ގޯތީގެ ތެރެއިން މި ދެ ކެޓެގަރީން ކޮންމެ ކެޓެގަރީއަކަށް 1000 ގޯތި ކަނޑައަޅާފައިވާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެތަނުގެ ބިން ހިއްކުމުގެ މަސައްކަތް ވަރަށް ބާރު މިނުގައި ކުރިއަށްދާ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ރަސްމާލޭގެ ބިން ހިއްކައި އެއްކޮށް ނިންމާލުން ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.










