މާލެ ސަރަހައްދުގައި ގޭބިސީތަކަށް މަސްދަޅު ކޭސް ބެހުމަށް މިހާރު ކަނޑައަޅާފައިވާ މަރުކަޒުތަކުން މަސްދަޅު ދޫކުރުން މި މަހުގެ 11 ވަނަ ދުވަހަށް ނިމުމަކަށް އަންނާނެ ކަމަށާއި، އޭގެ ފަހުން މަސްދަޅު ބަހާނީ ހަމައެކަނި މިފްކޯގެ މާފަންނު ފިހާރައިން ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.
ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިރޭ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ރޯދަ ހަދިޔާގެ ގޮތުގައި ދޫކުރާ މަސްދަޅު ކޭސްތައް މާލެ ސަރަހައްދުގެ އެކި ލޮކޭޝަންތަކުން ބެހުން މި މަހުގެ 11ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ. އަދި އެ ތާރީހަށް ފަހު މަސްދަޅު ކޭސް ނުނަގާ ހުރި ގޭބިސީތަކަށް އެ ހަދިޔާ ދޫކުރާނީ މާފަންނުގައި ހުންނަ މިފްކޯ ފިހާރައިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ މި ވައުދުފުޅުގެ ދަށުން މާލެ ސަރަހައްދުގައި މަސްދަޅު ބަހަން ފަށާފައި ވަނީ މިދިޔަ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. މި އަހަރު ރާއްޖޭގެ ޖުމްލަ 118,773 ގޭބީސީއަކަށް މަސްދަޅު ކޭސް ބެހުމަށް ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭގެ 61,755 ގޭބީސީއަކާއި އަތޮޅުތެރޭގެ 56,918 ގޭބީސީ އެވެ.
މިހާރު މާލޭގައި މަސްދަޅު ކޭސް ބަހަމުންދާ މަރުކަޒުތަކަކީ:
- މިފްކޯ މަރުކަޒު
- ސޯޝަލް ސެންޓަރު
- އެމްޓީސީސީ ސޯމިލު
- ހެންވޭރު ބޯޅަދަނޑު
- ގަލޮޅު ދަނޑު
މީގެ އިތުރުން ހުޅުމާލެ ފޭސް 1 ގައި އުމަރު ޒާހިރު ބިލްޑިންގ، ޕޮލްކޯ ޓަވަރު އަދި މުހައްމަދު ގާސިމް ޕްރީ ސްކޫލުން މަސްދަޅު ދޫކުރަމުންދާއިރު، ފޭސް 2 ގައި ކާމިލު ދީދީ ސްކޫލް، ހިޔާ ޓަވަރު 10 އަދި އެމްޕީއެލް ޓަވަރު ޕީ އިން ދަނީ މި މަސައްކަތް ކުރަމުންނެވެ. ވިލިމާލޭގައި މަސްދަޅު ދޫކުރަނީ ވެމްކޯ ސައިޓުންނެވެ.
އަތޮޅުތެރޭގެ ރަށްރަށުގައި މަސްދަޅު ބެހުމުގެ އިންތިޒާމުތައް ހަމަޖައްސާފައި ވަނީ އެ ރަށެއްގެ ކައުންސިލް އިދާރާތައް މެދުވެރިކޮށެވެ. މިއީ ރަމަޟާން މަހުގެ ބޭނުންތަކަށް ރައްޔިތުންނަށް ލުޔެއް ދިނުމުގެ ގޮތުން ފޯރުކޮށްދޭ އެހީއެއް ކަމަށް ސަރުކާރުން ފާހަގަކުރި އެވެ.









