ޑަބްލިޔުއެޗްއޯ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އަށް ފައިސާ ތާށިވެ ގިނަބަޔަކަށް ފަރުވާ ނުލިބިދާނެ ކަމުގެ ބިރު ހީވެއްޖެއެވެ.
އެޖަމިއްޔާ އިން ބުނީ ހަނގުރާމައާއި ފަގީރު ކަމުގެ ސަބަބުން މިއަހަރު އެންމެ ބޮޑު ސިއްހީ މުސީބާތްތަކާއި ކުރިމަތިލާން ޖެހިފައިވާ 36 ގައުމަށް އެހީތެރިވުމަށް އެއްބިލިއަން އެމެރިކާ ޑޮލަރު ވިހާ ވެސް އަވަހަށް ބޭނުންވާ ކަމަށެވެ.
މިދިޔަ އަހަރު ޑަބްލިޔު އެޗްއޯއިން 1.5 ބިލިއަން ޑޮލަރަށް އެދުނު ނަމަވެސް އެ ޖަމިއްޔާ އަށް ލިބުނީ 900 މިލިއަން ޑޮލަރެވެ. އެކަމުގެ ސަބަބުން 22 ގައުމެއްގައި ހުރި ގާތްގަނޑަކަށް 700 ސިއްހީ މަރުކަޒަށް ބޭނުންވާ ހިދުމަތްތައް ކަނޑާލަން އެ ޖަމިއްޔާ އަށް މަޖުބޫރުވެ، 53 މިލިއަން މީހުން ފަރުވާއިން މަހުރޫމް ވިއެވެ.
ޑަބްލިޔުއެޗްއޯ އިން ލަފާކުރާ ގޮތުގައި މި އަހަރު 239 މިލިއަން މީހުންނަށް ކުއްލި ސިއްހީ އެހީތެރިކަން ބޭނުންވާނެ އެވެ. އެހެންކަމުން މިކަމަށް ބޭނުންވާ ފައިސާ ނުލިބިއްޖެ ނަމަ ގިނަ އަދަދެއްގެ މާބަނޑު މީހުންނާއި ކުޑަކުދިންގެ ފުރާނަ އަށް ނުރައްކާ ވުމުގެ ބިރު އެބައޮތް ކަމަށް އެ ޖަމިއްޔާ އިން ބުނެއެވެ.










