ޓްރަމްޕް، ޓްރެވާ ނޯއާއާ ދެކޮޅަށް ދައުވާކުރަނީ

އައިޝަތު ރުވާ ރިފްޢަތު | 9 ގަޑިއިރު ކުރިން - 3 ފެބްރުއަރީ 2026 20:52
ޓްރެވަރ ނޯއާއާ--
ޓްރެވަރ ނޯއާއާ--
ޚުލާސާ

ނޯއާ ފަދަ ނާކާމިޔާބު މީހަކު، ކަންކަމުގެ ހަގީގަތް ބަލައިގެން އަވަހަށް ވާހަކަ ދެއްކުން މާ ރަނގަޅުވާނެކަމަށް ޓްރަމްޕް ބުނެފައިވޭ.

ގްރެމީ އެވޯޑްސް ހަފުލާގައި، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޖެފްރީ އެޕްސްޓީންއާ ގުޅުވައިގެން މަޖާ ވާހަކަތަކެއް ދެއްކުމާ ގުޅިގެން، ކޮމީޑިއަން ޓްރެވަރ ނޯއާއާ ދެކޮޅަށް ދައުވާކުރާނެ ކަމަށް ވިދާޅުވެ ޓްރަމްޕް އިންޒާރު ދެއްވައިފި އެވެ.

މި ހަފުލާ ހުށަހަޅައިދެމުން ނޯއާ ބުނީ، "އަހަރުގެ އެންމެ މޮޅު ލަވަ - މިއީ ކޮންމެ ފަންނާނަކުވެސް، ޓްރަމްޕް ގްރީންލޭންޑް ބޭނުންވާ ފަދަ ބޮޑު މިންވަރަކަށް ބޭނުންވާ އެވޯޑެއް. އެއީ އެޕްސްޓީންގެ ރަށް މިހާރު ނެތުމުން، ބިލް ކްލިންޓަނާއެކު ވަގުތު ހޭދަކޮށްލާނެ އާ ރަށެއް އޭނާއަށް ބޭނުންވާތީ، މިއީ ހަމަޖެހޭ ވާހަކައެއް،" ކަމަށެވެ.

ޓްރަމްޕަކީ އެތައް އަހަރެއް ވަންދެން އެޕްސްޓީންއާ ގާތް ގުޅުމެއް އޮތް ބޭފުޅެއްގެ ގޮތުގައި މަޝްހޫރުވެފައިވީ ނަމަވެސް، އެޕްސްޓީން ހިންގި ކުށްތަކާ ބެހޭ އެއްވެސް މައުލޫމާތެއް އޭނާއަށް އެނގިވަޑައިގެންފައި ނުވާ ކަމަށާއި، 2004 ވަނަ އަހަރު ހިސާބުގައި އެ ގުޅުން ކެނޑިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއެވެ. އެޕްސްޓީންގެ އަމިއްލަ ރަށަށް ޓްރަމްޕް ޒިޔާރަތްކުރެއްވި ކަމުގެ އެއްވެސް ހެއްކެއް ނެތް އިރު، އެޕްސްޓީންގެ އަނިޔާ ލިބުނު މީހުންވެސް ޓްރަމްޕްގެ މައްޗަށް އެފަދަ ތުހުމަތެއް ކޮށްފައެއް ނުވެއެވެ. އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ވެސް ވަނީ އޭނާއާ ބެހޭ މިފަދަ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ބުނެފަ އެވެ.

2020 ވަނަ އަހަރު ކްލިންޓަންގެ ތަރުޖަމާނަކު ބުނީ، ކުރީގެ ރައީސް އެޕްސްޓީންގެ ރަށް ކަމަށްވާ 'ލިޓްލް ސެއިންޓް ޖޭމްސް' އަށް ދުވަހަކުވެސް ވަޑައިގެންފައި ނުވާ ކަމަށެވެ. ކްލިންޓަންގެ މައްޗަށްވެސް އެއްވެސް ގޯސް ކަމެއްގެ ތުހުމަތެއް ކުރެވިފައެއް ނުވެ އެވެ.

ނޯއާގެ މި ޖޯކާ ގުޅިގެން ޓްރަމްޕް ރައްދު ދެއްވަމުން ވިދާޅުވީ "ދައުވާ ކުރުމަށްޓަކައި އަޅުގަނޑުގެ ވަކީލުން ފޮނުވާނަން" ކަމަށެވެ. 'ޓްރޫތް ސޯޝަލް' ގައި ޓްރަމްޕް ލިޔުއްވާފައިވަނީ: "ޑޮނަލްޑް ޓްރަމްޕާއި ބިލް ކްލިންޓަން އެޕްސްޓީންގެ ރަށުގައި ވަގުތު ހޭދަކުރި ކަމަށް ނޯއާ ބުނި ބުނުމަކީ ކަނޑައެޅިގެން ދޮގެއް. އެއީ ކުށް ހީއެއް!"

"އަޅުގަނޑަށް ބިލްގެ ފަރާތުން ވާހަކައެއް ނުދެއްކޭނެ، ނަމަވެސް އަޅުގަނޑު ދުވަހަކުވެސް އެޕްސްޓީންގެ ރަށަށް ގޮސްފައެއް ނުވޭ، އަދި އެތަނާ ގާތަށްވެސް ގޮސްފައެއް ނުވޭ. މި ދޮގު އަދި އަބުރަށް އަރައިގަންނަ ފަދަ ވާހަކަތަކާ ހަމައަށް، އެއްވެސް ފަރާތަކުން، އަދި ނޫސްވެރިންވެސް އަޅުގަނޑު އެތަނަށް ދިޔަ ކަމުގެ ތުހުމަތެއް ކޮށްފައެއް ނުވެއެވެ. ނޯއާ ފަދަ ނާކާމިޔާބު މީހަކު، ކަންކަމުގެ ހަގީގަތް ބަލައިގެން އަވަހަށް ވާހަކަ ދެއްކުން މާ ރަނގަޅުވާނެ. ތައްޔާރުވެގެން ހުރޭ ނޯއާ، އަހަރެން ކަލޭގެއާ ކުޅެލާނަން!" ޓްރަމްޕް ވިދާޅުވި އެވެ.

ކުޑަކުދިން ބޭނުންކޮށްގެން ޖިންސީ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ޝަރީއަތް ފެށެންދެން ޖަލުގައި ހުއްޓާ 2019 ވަނަ އަހަރު އެޕްސްޓީން މަރުވެފައި އޮއްވާ ފެނުނީ ނިއުޔޯކްގެ ޖަލެއްގެ ގޮޅިންނެވެ. އޭނާ އެ އަމިއްލަ ރަށް ގަނެފައިވަނީ 1998 ވަނަ އަހަރުއެވެ. އެ ރަށަށް ގެންގޮސްގެން އެކި ގޮތްގޮތުން ޖިންސީ އަނިޔާ އާއި ޝިކާރައަކަށް ވި އެތައް ބަޔަކު ވަނީ އެކަމުގެ ޝަކުވާ އާއި ތުހުމަތުތައް ކޮށްފައެވެ.

ޓްރަމްޕަކީ ފަހަކަށް އައިސް ނިއުޔޯކް ޓައިމްސް އާއި ވޯލް ސްޓްރީޓް ޖާނަލް ފަދަ މީޑިއާ ތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅުއްވަމުން ގެންދަވާ ބޭފުޅެކެވެ. މިދިޔަ ޑިސެމްބަރު މަހު، ބީބީސީގެ 'ޕެނޮރާމާ' ޕްރޮގްރާމެއް އެޑިޓްކޮށްފައިވާ ގޮތުން އަބުރަށް އަރައިގަނެފައިވާ ކަމަށް ބުނެ، ބިލިއަނުން ގުނާލެވޭ ވަރުގެ ބޮޑު ބަދަލެއް ހޯދުމަށް ފްލޮރިޑާގެ ކޯޓަކަށް ޓްރަމްޕް ވަނީ މައްސަލައެއް ހުށަހަޅުއްވާފަ އެވެ.

ޓްރެވަރ ނޯއާއަކީ ދެކުނު އެފްރިކާއަށް އުފަން، އެމެރިކާގެ ކޮމެޑީ ސެންޓްރަލްގެ 'ދަ ޑެއިލީ ޝޯ' ހަތް އަހަރު ވަންދެން ހުށަހަޅައިދިން މަޝްހޫރު ކޮމީޑިއަނެކެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%