ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓާ ސްޓައިންމަޔާގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެ ގައުމަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ހާމަކުރި ގޮތުގައި، މި ދަތުރުފުޅު ކުރިއަށްދާނީ އަންނަ ހޯމަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޖަރުމަނު ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި، މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށް ގެންދަވާނެ އެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާނީ ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގަ އެވެ. މިއީ ރާއްޖެ އާއި ޖަރުމަނާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ރައީސްގެ އަރިހުގައި ސަރުކާރުގެ އިސްވެރިންނާއި ވިޔަފާރިވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާއިރު، މި ދަތުރުފުޅުގެ ތެރެއިން ޖަރުމަނުގައި ހާއްސަ ބިޒްނަސް ފޯރަމެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މި ފޯރަމުގައި ދެ ގައުމުގެ ވިޔަފާރިވެރިން ބައިވެރިވެ، ރާއްޖޭގައި ހުރި ވިޔަފާރި އާއި އިންވެސްޓްމަންޓް ފުރުސަތުތަކާ ގުޅޭ ތަފްސީލީ މައުލޫމާތު ހިއްސާކުރާނެ އެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ބާލިންގައި ހުންނަ ހަމްބޮލްޓް ޔުނިވާސިޓީގައި "މޫސުމީ ބަދަލަށް ހޭނުމުގައި ދިވެހިރާއްޖޭގެ ތަޖުރިބާ" މި މައުޟޫއަށް ތަގުރީރު ކުރައްވާނެ އެވެ. އަދި ޖަރުމަނު ކައުންސިލް ފޯ ފޮރިން ރިލޭޝަނަށް ޒިޔާރަތްކުރައްވައި، އެ ތަނުގައި ވެސް ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅު ދިމާވަނީ ރާއްޖެ އާއި ޖަރުމަނާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރިތާ 60 އަހަރު ފުރޭ މުނާސަބަތާވެސް މެއެވެ. ދެ ގައުމުގެ ދެމެދުގައި ރަސްމީކޮށް ހާރިޖީ ގުޅުން ގާއިމްކޮށްފައިވަނީ ޖުލައި 5، 1966 ގައެވެ.










