ހައި ކޯޓުގައި ހުސްވެފައިވާ ފަނޑިޔާރުންގެ ދެ މަގާމަށް، އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
މި ދެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 19 ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރެއްވި އެވެ. މީގެ އިތުރުން، ކްރިމިނަލް ކޯޓުން ހުސްވެފައިވާ ގާޒީކަމުގެ މަގާމަށް ލ. ކަލައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިޔާޒު އައްޔަންކުރުމަށް ވެސް ޖޭއެސްސީން ވަނީ ކަނޑައަޅާފަ އެވެ.
ރައޫފް ކުރިން ހައި ކޯޓުގެ ފަނޑިޔާރުކަމުން ވަކިވެވަޑައިގަތީ، ފްލެޓް މައްސަލައެއްގައި ޖޭއެސްސީން އޭނާ ވަކިކުރަން ނިންމާފައި ވަނިކޮށެވެ. އޭގެ ފަހުން އޭނާ ވަނީ ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގެން މަޖިލިސް އިންތިހާބުގައި ވެސް ވާދަކުރައްވާފަ އެވެ.
ހައި ކޯޓުގެ ގޮނޑިތައް ހުސްވީ ފަނޑިޔާރު މުހައްމަދު ނިޔާޒު ރިޓަޔާ ކުރެއްވުމާއި ފަނޑިޔާރު މުހައްމަދު ފައިސަލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަދި ކްރިމިނަލް ކޯޓުގެ މަގާމު ހުސްވީ ހުސައިން ފާއިޒް ރަޝާދު އެ މަގާމުން ވަކިކުރުމުންނެވެ. އާ ފަނޑިޔާރުން ހުވާކުރުމުގެ ރަސްމިއްޔާތު މިރޭ ސުޕްރީމް ކޯޓުގައި ބޭއްވުމަށް ވަނީ ތާވަލުކުރެވިފަ އެވެ.










