ދިވެހިރާއްޖޭގެ އިގުތިސާދީ ސަރަހައްދުގައި ގާނޫނާ ހިލާފަށް ހަރަކާތްތެރިވަމުންދިޔަ ސްރީލަންކާގެ ދެ މަސްބޯޓު އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
މި ބޯޓުތައް އަތުލައިގަނެފައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑާއި، އެމްއެންޑީއެފް އެއާ ކޯ ގުޅިގެން ހިންގި ހާއްސަ ސާވެއިލަންސް އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު ފުރިހަމައަށް ބެލެހެއްޓުމަށް ސަރުކާރުން ފަށާފައިވާ ހަރުދަނާ މަސައްކަތްތަކުގެ ތެރެއިން ހޯދުނު މުހިންމު ކާމިޔާބީއެކެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި، ސްރީލަންކާއަށް ނިސްބަތްވާ މި ދެ ބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހުގެ މެންދުރުފަހު 14:02 ހާއިރުއެވެ. މި ބޯޓުތައް ފެނިފައި ވަނީ ހއ. ކެލާގެ އިރުން ގާތްގަނޑަކަށް 109 ނޯޓިކަލް މޭލު ބޭރުން، ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގެ ތެރޭގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަން ހަރަކާތްތެރިވަނިކޮށެވެ.
މި ދެ ބޯޓު މިހާރު ވަނީ ކުޅުދުއްފުށި ސިޓީގެ ބަނދަރަށް ވައްދާފައެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި، ބޯޓުތަކާއި އޭގައި ތިބި މީހުން ފުލުހުންނާ ހަވާލުކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކޮށް، ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ ބޭރުގެ އުޅަނދުފަހަރާ މެދު ޤާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ދަނީ އިސްކަންދެމުންނެވެ.










