އެޑެކްސެލް އޭލެވެލް މޭ / ޖޫން ސީރީސްގެ އިމްތިހާނުތައް ބާއްވަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން އާންމު ކުރި ނޫސް ބަޔާނެއްގައި ބުނެފައިވަނީ 2019 ވަނަ އަހަރަށް ފަހު، ދިވެހި ރާއްޖޭގައި އެޑެކްސެލްގެ އޭލެވެލް މޭ / ޖޫން ސީރީސްގެ އިމްތިހާނުތައް ދިނުން ވަނީ ހުއްޓާލާފައި ކަމަށެވެ. އަދި އެ ސީރީސްގެ އިމްތިހާނު ހެދުމަށް ރާއްޖޭ ބޭރަށް ދަރިވަރުން ދަތުރު ކުރާ ކަމަށް އެމިނިސްޓްރީއަށް ފާހަގަ ކުރެވިފައިވާ ކަމަށް އެމިނިސްޓްރީން ބުނެ އެވެ. އަދި އެކަމަށްޓަކައި ދަރިވަރުން 30،000 އަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.


އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ މި އަހަރު މިގެނެވުނު ބަދަލަކީ އެކަމަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ގެނެވުނު ބަދަލެއް ކަމަށެވެ. އެހެން ކަމުން ޕްރައިވެޓް ކެންޑިޑޭޓުންގެ ގޮތުގައި ބައިވެރިވާ ކެންޑިޑޭޓުންނަށް މިހާރު މޭ / ޖޫން އެޑެކްސެލް އޭލެވެލް ސިރީސްގައި ބައިވެރިވެ އިމްތިހާނު ހެދޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި އޭލެވެލް އެޑެކްސެލް މޭ / ޖޫން ސީރީސްއާ ގުޅޭ މައުލޫމާތު، ފެބުރުއަރީ ހަތަރު ވަނަ ދުވަހުން ފެށިގެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން އާންމުކުރަމުން ގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެ އެވެ.
އޭގެ އިތުރުން މިނިސްޓްރީން އިތުރަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެ ބަދަލު އަލުން ގެނައި ކަމުގައި ވީނަމަވެސް މިހާރު އޭލެވެލް ކިޔަވާ ދަރިވަރުންނަށް އޮކޮޓޯބަރު / ނޮވެމްބަރު ސީރީސްގެ އެޑެކްސެލް އޭލެވެލް އިމްތިހާނު އޮންނާނެ ކަމަށެވެ.








