އިންތިހާބުތަކާއި ކެމްޕޭންތަކަށް ހޭދަކުރާ ވަގުތު މަދުކޮށް، ގައުމީ އުފެއްދުންތެރިކަން އިތުރުކުރުމަށް އިސްކަންދޭންޖެހޭ ކަމަށް ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށް ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމަކީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ މި ބިލަށް ސިޔާސީ ޕާޓީތަކުގެ ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމެކެވެ.
ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ މިނިސްޓަރު އާދަމް ޝަރީފްގެ އިތުރުން އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލެވެ.
ކޮމިޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރައްޔިތުންނާއި ވެރިންނާއި މަޖިލީހަށްވެސް އެންމެ ފައިދާ ބޮޑު ގޮތަކީ އިންތިހާބުތައް މަދުކޮށް، ރައްޔިތުންނަށް ބާރު ލިބިގެން ދިއުން ކަމަށެވެ. އަދި މުޅި ގައުމުގައި އަބަދު އިންތިހާބުގެ ހުމެއްގެ ތެރޭގައި ތިބުމަށް ވުރެ، އިންތިހާބުތައް މަދުކުރުމަކީ މުޅި ގައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލުމުން ރައީސް ކަމަށް ވާދަކުރައްވާ ބޭފުޅުންނާއި މަޖިލީހަށް ވާދަކުރައްވާ ބޭފުޅުން ނުކުންނަވާނީ އެއް ޓީމެއްގެ ގޮތުގައި ކަމަށެވެ. މީގެ ސަބަބުން އިޖުތިމާއީ މައްސަލަތައް މަދުވެ، މަލްޓި ޕާޓީ ސިސްޓަމްގެ ރޫހު އިތުރަށް އާލާވެގެންދާނެ ކަމަށާއި، މި ބަދަލަކީ ޕީއެންސީން ވަރަށް ބޮޑަށް ތާއީދުކުރާ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
ނަމަވެސް، މި ބައްދަލުވުމުގައި ބައިވެރިވި އިދިކޮޅު އެމްޑީޕީން ވަނީ މި އިސްލާހަށް ތާއީދު ނުކުރާކަން ހާމަކޮށްފަ އެވެ. އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރު ހިސާން ހުސައިން ވިދާޅުވީ، މިފަދަ ބޮޑު ބަދަލެއް ގެންނައިރު ރައްޔިތުންގެ ބަސް ހޯދުމުގެ ފުރުސަތު ލިބެންޖެހޭނެ ކަމަށެވެ.
ދެ އިންތިހާބު އެއްކޮށްލަން ހުށަހަޅާފައިވާ އިސްލާހާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ފެންނަ ނުފެންނަ ވޯޓު، އަންނަ އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކުއެކީގައި ބޭއްވުމަށް މިނިވަން މުައައްސަސާތަކުގެ ކޮމިޓީން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމުގައި އިލެކްޝަންސް ކޮމިޝަނާއި ބަނޑާރަނައިބުގެ އޮފީހުގެ ލަފާވެސް މިހާރު ވަނީ ހޯދާފައެވެ.









