ޕާކިސްތާނުގެ ބަލޫޗިސްތާނުގައި ދިން ޓެރަރިސްޓް ޙަމަލާ އަށް ފަހު އެ ޤައުމުގެ ސަލާމަތީ ބާރުތަކުން ބަލޫޗިސްތާން ޕްރޮވިންސަށް ވަދެ 40 ގަޑިއިރުގެ ކުރިމަތިލުމަކަށް ފަހު މަދުވެގެން 145 ހަނގުރާމަވެރިން މަރާލައިފިއެވެ.

ޕާކިސްތާނުގެ ސިފައިން ދިން ޙަމަލާއެއްގައި މަރުވި މީހެއްގެ ޢާއިލާގެ ބަޔަކު ހިތާމަ ކުރަނީ
އިސްލާމްއާބާދު ސަރުކާރުން ވަކިވެ މިނިވަންކަމަށް ހަނގުރާމަކުރާ ނަސްލީ ބަލޫޗް ލިބަރޭޝަން އާމީ (ބީއެލްއޭ) އަކީ ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި އެ ޤައުމުން ވަނީ ކަނޑައަޅާފައެވެ. އެ ޖަމާޢަތުން ވަނީ ކުއެޓާ، ގްވާދާރު، މަސްޓޫންގް އަދި ނޮޝްކީ ފަދަ އެތައް ޑިސްޓްރިކްޓެއްގައި ދިން ހަމަލާތަކުގެ ޒިންމާ ނަގާފައެވެ. އެ މީހުން ވަނީ ޕޮލިސް ސްޓޭޝަންތަކަށާއި ސެކިއުރިޓީ ޗެކްޕޮއިންޓްތަކަށާއި އާންމު ތަންތަނަށް އެއްފަހަރާ ހަމަލާތަކެއް ދީ، މަދުވެގެން 31 އާންމު ރައްޔިތުން މަރާލާފައެވެ. އޭގެތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. މީގެ އިތުރުން އަސްކަރިއްޔާގެ 17 މީހުން ވެސް މަރައިލިއެވެ.
އެކަމުގެ ރައްދުގައި ޕާކިސްތާން ސިފައިންނާއި ފުލުހުންނާއި ކައުންޓަރ ޓެރަރިޒަމް ޔުނިޓްތަކުން ހިންގި ބޮޑު އޮޕަރޭޝަނުގައި 145 ޓެރަރިސްޓުން މަރައިލި ކަމަށް މިއަދު ކަށަވަރު ކޮށްދިނެވެ.
ޕާކިސްތާން ސަރުކާރުން ތުހުމަތު ކުރި ގޮތުގައި ބީއެލްއޭ އަށް ތާއީދު ކުރަނީ އިންޑިއާ އާއި އަފްޣާނިސްތާން ހިމެނޭ ގޮތަށް ބޭރުގެ ބައެކެވެ. ނަމަވެސް މި ދެގައުމުން ވެސް ޕާކިސްތާނުގެ ތުހުމަތުތައް ދޮގު ކުރެއެވެ.










