ދެ ރަށެއްގެ ކައުންސިލް ރައީސްގެ ގޮނޑިއާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައެއް ގޮނޑިތައް އިންތިހާބަކާ ނުލައި ވެރިކަން ކުރާ ޕީއެންސީއަށް ކަށަވަރުވެއްޖެ އެވެ.
ޕީއެންސީއަށް މި ގޮނޑިތައް ކަށަވަރުވެފައިވަނީ އދ. ދިއްދޫ އަދި އދ. މަންދޫ ކައުންސިލުންނެވެ. މި ދެ ރަށުގެ ކައުންސިލް ރައީސްގެ ގޮނޑި ޕީއެންސީއަށް ލިބުނީ، އެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ޕީއެންސީގެ ކެންޑިޑޭޓުން ފިޔަވައި އިތުރު ބަޔަކު ކުރިމަތިލާފައި ނުވާތީ އެވެ.
ކައުންސިލް ރައީސްގެ ގޮނޑީގެ އިތުރުން، މި ދެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ބައެއް ގޮނޑިތައް ވެސް ޕީއެންސީން ވަނީ ކާމިޔާބުކޮށްފަ އެވެ. މި ގޮނޑިތައް ވެސް އެ ޕާޓީއަށް ލިބިފައިވަނީ އިންތިހާބަކާ ނުލަ އެވެ.
މި ގޮނޑިތައް ޕީއެންސީއަށް ކަށަވަރުވެފައިވާކަން އެނގިފައިވީ ނަމަވެސް، މިކަމާ ގުޅޭ ރަސްމީ ތަފްސީލެއް އިލެކްޝަންސް ކޮމިޝަނުން ނުވަތަ ޕީއެންސީގެ ފަރާތުން އަދި ހާމަކޮށްފައެއް ނުވެ އެވެ.
ސަރުކާރަށް ނިސްބަތްވާ ޕީއެންސީން ދަނީ ރަށްރަށުގެ ކައުންސިލްތަކާއި ޑަބްލިއުޑީސީތަކުގެ ހުސްވެފައިވާ ގޮނޑިތައް ކާމިޔާބު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.









