މާލޭގެ ސަލްޓަން ޕާކު މަރާމާތުކުރުމުގެ މަސައްކަތް ނިންމައި، ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން އެތަން އަލުން ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ހާމަކޮށްފި އެވެ.
މަރާމާތުގެ ބޮޑެތި މަސައްކަތްތަކެއް ކުރުމަށް ސަލްޓަން ޕާކު ބަންދުކޮށްފައިވަނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ. މި މަޝްރޫއު ދަށުން ސަލްޓަން ޕާކުގެ އިތުރުން ޖުމްހޫރީ މައިދާން މަރާމާތުކުރުމުގެ މަސައްކަތް ވެސް އާރުޑީސީން ދަނީ ކުރަމުންނެވެ.
އާރުޑީސީގެ ބުނި ގޮތުގައި، ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާން މަރާމާތުކުރުމުގެ ގާތްގަނޑަކަށް 90 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. ވަކިން ހާއްސަކޮށް ސަލްޓަން ޕާކުގެ އެތެރޭގައި ކުރަން ޖެހޭ މަރާމާތުތަކާއި، ކުޑަކުދިން ކުޅޭ ސަރަހައްދު މަރާމާތުކުރުމާއި، ގްރާސް ކާޕެޓް އެޅުމުގެ އިތުރުން ރަބާ ޓައިލް ޖެހުމުގެ މަސައްކަތްތައް މިހާރު ވަނީ އެއްކޮށް ނިންމާލެވިފަ އެވެ.
ޖުމްހޫރީ މައިދާނުގެ މަސައްކަތްތަކާ ގުޅޭގޮތުން އާރުޑީސީން ބުނީ، އެތަނުގެ ވެސް ގިނަ މަސައްކަތްތަކެއް ނިމިފައިވާ ކަމަށެވެ. ނަމަވެސް، އެ މަސައްކަތަށް ބޭރުން ގެންނަން ޖެހޭ ބައެއް ތަކެތި ހުރުމުން، ރޯދައިގެ ކުރިން ޖުމްހޫރީ މައިދާން ހުޅުވޭނެ ކަމުގެ ފުރިހަމަ ޔަގީންކަމެއް އަދި ނެތް ކަމަށެވެ. އެހެންނަމަވެސް، ސަލްޓަން ޕާކް ރޯދައިގެ ކުރިން އާންމުންނަށް ހުޅުވައިލުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށް އާރުޑީސީން ބުންޏެވެ.
ސަލްޓަން ޕާކު އަލުން ތަރައްގީ ކުރަމުންދަނީ ދިވެހިންގެ މުއްސަނދި ސަގާފަތާއި ތާރީހު ރަމްޒުކޮށްދޭ ފަދަ ގޮތަކަށެވެ. މި މަސައްކަތްތައް ނިމި ޕާކު ހުޅުވާއިރު، އެތަނަކީ ގިނަ ކުޅިވަރުތަކެއް ކުޅެވޭނެ އިންތިޒާމުތަކާއެކު، އާއިލާތަކަށް ހިތްފަސޭހަ މާހައުލަކަށް ވެގެންދާނެ އެވެ.










