އަދާލަތު ޕާޓީ ހަތަރުވަނަ ދައުރުގެ ރައީސްގެ މަގާމަށް ޝެއިހް މުހައްމަދު ސިފާން އިންތިހާބުވެއްޖެ އެވެ.
އަދާލަތު ޕާޓީން މި އިންތިހާބުގައި ވޯޓުލުން ކުރިއަށްގެންދިޔައީ އޮންލައިންކޮށެވެ. ފަހި ވޯޓު އޮންލައިން އެޕްލިކޭޝަން މެދުވެރިކޮށް މިއަދު ކުރިއަށް ގެންދިޔަ ވޯޓުލުން މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
އަދާލަތު ޕާޓީގެ ރައީސް ކަމަށް ހުޅުވާލުމުން ކުރިމަތިލާފައި ވަނީ ދެ ކެންޑިޑޭޓެކެވެ. އެއީ ޑރ. އިކްރާމް އަބްދުއްސައްތާރު އާއި އެ ޕާޓީގެ މިހާރުގެ ނައިބު ރައީސް ޝައިހު މުހައްމަދު ޝިފާނެވެ.
އަދާލަތު ޕާޓީން ނެރެފައިވާ ވަގުތީ ނަތީޖާއިން ދައްކާގޮތުން މުހައްމަދު ޝިފާން އިންތިހާބު ކުރީ ވޯޓުލީ މީހުންގެ 99 ޕަސެންޓާ އެކުއެވެ. ނަމަވެސް އެއީ ކިތައް ވޯޓުކަމެއް ބުނެފައެއް ނުވެ އެވެ. ޝިފާނަކީ މަދީނާ ޔުނިވާސިޓީން ޝަރުއީ ދާއިރާ އިން ޑިގްރީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ރާއްޖޭގެ ބިޒްނަސް ސްކޫލުން ބިޒްނަސް އެޑްމިނިސްޓްރޭޝަނުން މާސްޓާސް ހާސިލު ކުރައްވާފައިވެ އެވެ.
އެ ނަތީޖާ ދައްކާގޮތުން އިކްރާމަށް އިންތިހާބުގައި ލިބުނީ އެންމެ ޕަސެންޓެއްގެ ވޯޓެވެ. އިންތިހާބުގައި ވޯޓުލާފައިވަނީ ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ އެންމެ 22 ޕަސެންޓު ކަމަށްވެސް ވަނީ ބުނެފަ އެވެ.
އޮންލައިންކޮށް ވޯޓުލުމަށް ނިންމުމުން އިކްރާމް ވަނީ އިންތިހާބު ބޮއިކޮޓްކުރަންވެސް ނިންމައިފަ އެވެ. އެ އިންތިހާބުގައި ވޯޓު ލާނެ ގޮތަކާ މެދު އެޕާޓީގެ ތެރޭގައި އޮތީ ހިޔާލު ތަފާތުވުން އުފެދިފަ އެވެ. އިކްރާމް ވަނީ އޮންލައިންކޮށް ނުލައި ވޯޓު ފޮށި ބަހައްޓައިގެން ވޯޓުލުމަށް އެ ޕާޓީ އާއި އިލެކްޝަންސް ކޮމިޝަންގައި ވެސް އެދިފަ އެވެ. ނަމަވެސް އެ ޕާޓީން ބުނެފައިވަނީ ވޯޓު ފޮށި ބަހައްޓަން ޕާޓީގެ އިންތިހާބުތަކުގެ ގަވާއިދުން ޖާގަ ނުދޭ ކަމަށެވެ.
އަދާލަތު ޕާޓީން ވަނީ މި އިންތިހާބާއި ގުޅޭ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، 2 ފެބްރުއަރީ 2026 ގެ 20:30 ގެ ނިޔަލަށް ހުޅުވާލާފަ އެވެ. އެގޮތުން އިންތިހާބާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، ކެންޑިޑޭޓުންނަށާއި، އެ ކެނޑިޑޭޓުންގެ މަންދޫބުން، އަދި އިންތިހާބުގައި ވޯޓުލެވޭ ކޮންމެ މެންބަރަކަށް ލިބިގެންވާ ކަމަށް އެ ޕާޓީން ބުންޏެވެ.










