ރާއްޖެއަށް ގަސްގަހާގެއްސާއި ޖަނަވާރުގެ ބާވަތްތައް އެތެރެކުރުމުގެ ކަންކަން މިހާރަށްވުރެ ފަސޭހަކުރުމާއި، އިމާރާތްކުރުމުގެ ސާމާނު އެތެރެކުރުމަށް ހުއްދަ ދޭ އުސޫލުތައް ލުއި ފަސޭހަ ކުރުމާ ގުޅޭގޮތުން މުދާ އިމްޕޯޓްކުރުމާއި އެކްސްޕޯޓްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު މިއަދު ފޯރަމެއް ބާއްވައިފިއެވެ.
މޯލްޑިވްސް ކަސްޓަމްސް އިން އިންތިޒާމުކޮށްގެން އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ފޯރަމްގައި ކަސްޓަމްސް، ބަނދަރުތައް، މުދާ ކްލިއާކުރުމުގައި ހަރަކާތްތެރިވާ ކްލިއަރިން އެޖެންޓުންނާއި ބްރޯކަރުންގެ އިތުރުން އިމްޕޯޓް/އެކްސްޕޯޓް މުދަލާގުޅޭ ހުއްދަތައް ދޫކުރާ ސަރުކާރުގެ އިދާރާތައް ހިމެނޭގޮތަށް 60 އަށް ވުރެ ގިނަ ފަރާތަކުން ބައިވެރިވެފައިވެ އެވެ.
ކަސްޓަމްސް އިން ބުނީ، މި ފޯރަމްގައި މުދާ އިމްޕޯޓް އަދި އެކްސްޕޯޓްކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށެވެ. މީގެ ތެރޭގައި ރާއްޖެއަށް އިމްޕޯޓްކުރާ ކެމިކަލްގެ ބާވަތްތަކަށް ހުއްދަ ދޫކުރުމާއި، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް ކްލިއާ ކުރުމުގައި ހުރި ދަތިތަކަށް ހައްލު ގެންނާނެ ގޮތްތަކާ ގުޅޭގޮތުން ބައިވެރިން ހިޔާލު ބަދަލުކުރި ކަމަށް ބުންޏެވެ.
މީގެ އިތުރުން، ގަސްގަހާގެއްސާއި ޖަނަވާރުގެ ބާވަތްތައް އެތެރެކުރުމުގެ ކަންކަން މިހާރަށްވުރެ ފަސޭހަކުރުމާއި، އިމާރާތްކުރުމުގެ ސާމާނު އެތެރެކުރުމަށް ހުއްދަ ދޭ އުސޫލުތައް ލުއި ފަސޭހަ ކުރުމަކީވެސް މި ފޯރަމްގައި މުހިންމު އަހައްމިއްޔަތުކަމެއް ދެވުނު ކަންކަން ކަމަށް ކަސްޓަމްސް އިން ބުންޏެވެ.


މި ކަންކަން ހައްލުކުރުމަށްޓަކައި މިހާރުން މިހާރަށް އެޅެންހުރި ފިޔަވަޅުތަކާއި، މެދުރާސްތާ އަދި ދިގުރާސްތާގައި ގެނެވޭނެ ހައްލުތަކާމެދު ވެސް ބައިވެރިން ވަނީ މަޝްވަރާކޮށްފަ އެވެ. ކަސްޓަމްސް އިން ބުނީ ފޯރަމްއިން ކުރަން ނިންމުނު ކަންކަން ކަމާގުޅުންހުރި އިދާރާތަކާ ހިއްސާކޮށް، އެކަންކަން ކަނޑައެޅިފައިވާ ތާވާލާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
ކަސްޓަމްސް އިން ބުނީ ރާއްޖެއަށް ގެންނަ މުދަލުގެ ނިސްބަތް ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު، ބަނދަރުތަކުގައި ކަސްޓަމްސްއިން ފޯރުކޮށްދޭ ހިދުމަތްތައް ތަރައްގީކޮށް، ކްލިއަރަންސް ޕްރޮސެސް ހަލުވިކުރުމަށް މެދުނުކެނޑި މަސައްކަތް ކުރަމުންދާ ކަމަށެވެ.








