އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް (އެފްއާރުއެސް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ފަޔާ ޕްރިވެންޝަން ވީކް 2026" ރަސްމީކޮށް މިއަދު ފަށައިފި އެވެ.
އަމީނިއްޔާ ސްކޫލުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހަރަކާތް ފައްޓަވައިދެއްވީ މިނިސްޓްރީ އޮފް ޑިފެންސްގެ ޑެޕިއުޓީ މިނިސްޓަރު، އަލްފާޞިލާ ފާތިމަތު މިޒުނާ އަލީއެވެ. ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް، އަލިފާނުގެ ހާދިސާތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަގްސަދުގައި ބާއްވާ މި ހަރަކާތް ކުރިއަށްދާނީ މިއަދުން ފެށިގެން ފެބްރުވަރީ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ.

ފަޔާ ޕްރިވެންޝަން ވީކް 2026 ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން. / ފޮޓޯ: އެމްއެންޑީއެފް
މި ހަރަކާތް ރާއްޖޭގެ ހުރިހާ އޭރިއާ ކޮމާންޑްތަކެއްގައި ކުރިއަށްގެންދާއިރު، ގްރޭޓާ މާލެ ސަރަހައްދުގައި ގިނަ ތަންތަނެއްގައި ހަރަކާތްތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އަމީނިއްޔާ ސްކޫލް، މުހްޔިއްދީން ސްކޫލް، ސަލާހުއްދީން ސްކޫލް، ރެހެންދި ސްކޫލްގެ އިތުރުން ރަސްފަންނު ސަރަހައްދާއި، ހުޅުމާލެ ރުއްގަނޑު އެކެއް އަދި ހިޔާ ފުލެޓް ސަރަހައްދުގައި މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށްދާނެ އެވެ.
މި ހަފުތާގެ ތެރޭގައި މައިގަނޑު ގޮތެއްގައި މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ:
- ކައްކާ ގޭހުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާއި އެކަމަށް ހޭލުންތެރިކުރުވުން.
- ކަރަންޓްގެ ސަބަބުން ދިމާވާ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުން.
- އަލިފާންނިވި ބޭނުންކުރާނެ ރަނގަޅު ގޮތްތައް ދަސްކޮށްދިނުން.
- އަލިފާނުގެ ހާދިސާއެއް ދިމާވެއްޖެ ހާލަތެއްގައި އަމަލުކުރަންޖެހޭނެ ގޮތްތައް.
އެފްއާރުއެސް އިން ހާމަކުރި ގޮތުގައި، ސްކޫލް ކުދިންނަށް އަމާޒުކޮށްގެން މިއަދު ހަވީރު ބޭއްވި ސެޝަންގައި 920 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މި ހަރަކާތްތަކުގައި މަޢުލޫމާތު ފޯރުކޮށްދެނީ އެ އޭރިއާއެއްގެ ފަޔަރ ފައިޓަރުންނެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ކޮމަޑާންޓް، ބްރިގޭޑިއާ ޖެނެރަލް އަހްމަދު ތާހިރާއި، ޕްރިންސިޕަލް ޑައިރެކްޓާ ކާނަލް މުހައްމަދު ނަދީމް އިބްރާހީމްގެ އިތުރުން ސިފައިންގެ އިސް އޮފިސަރުންނާއި، އެޑިއުކޭޝަން މިނިސްޓްރީގެ އިސް ބޭފުޅުންނާއި ސްކޫލްތަކުގެ ވެރިން ބައިވެރިވި އެވެ.










