ރޭ ފަތިހުއްސުރެ އިސްރާއީލުން ޣައްޒާ ސިޓީ އާއި ޚާން ޔޫނިސްއަށް ވަރުގަދަ ހަމަލާ ތަކެއް ދެމުން އެބަ ދެއެވެ. މި ހަމަލާތަކުގައި މިހާތަނަށް ހަ ކުޑަކުދިން ހިމެނޭ ގޮތަށް ފަލަސްތީނުގެ 19 މީހަކު ޝަހީދުވެފައި ވެއެވެ.
މިސްރާއި އެކު ރަފާހު ބޯޑަރު ހުރަސްކުރާ ސަރަހައްދު ހުސްވި ހަފްތާގައި ހުޅުވާނަމޭ ބުނެ އެކަން ނުކޮށް، އިސްރާއީލުން ދެން ބުނީ މާދަމާ ހުޅުވާނެ ކަމަށެވެ. ނުރަސްމީ މަސްދަރުތަކުން ބުނާ ގޮތުގައި އިސްރާއީލުން މިއަދު ހަމަލާ ދިން ގެތަކުގެ ތެރޭގައި މާދަމާ ބޯޑަރު ހުޅުވައިފި ނަމަ ޣައްޒާ ދޫކޮށްލަން ބޭނުންވާ ޢާއިލާތައް ދިރިއުޅޭ ގެތައް ވެސް ހިމެނެއެވެ.
މި ޙަމަލާތައް މިއަދާއި މިރެޔަކުވެސް ހުއްޓަކާނެ ހެނެއް ހިއެއް ނުވެއެވެ.
ޣައްޒާގެ ކަމާބެހޭ ފަރާތްތަކުން ބުނީ އެމެރިކާގެ މެދުވެރިކަމުގައި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު އަމަލުކުރަން ފެށި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ފަހު ވެސް އިސްރާއީލުގެ ސިފައިން ވަނީ ފަލަސްތީނުގެ 500 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ.









