ވޯލްޑް ބޭންކުގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ "އެސްޕަޔާ" އަދި "އަރައިޒް" މަޝްރޫއުގެ ދަށުން ގާއިމުކޮށްފައިވާ ސޯލާ ޕީވީ ނިޒާމުތައް ބަލައިލުމަށް އެ ބޭންކުގެ މަތީ ފަންތީގެ ވަފުދެއް އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއަށް ޒިޔާރަތްކޮށްފި އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނި ގޮތުގައި، މި ޒިޔާރަތަކީ މަޝްރޫއުތަކުގައި ތިމާވެށީގެ ރައްކާތެރިކަމާއި އިޖުތިމާއީ މިންގަނޑުތައް ހިފެހެއްޓޭ މިންވަރު ދެނެގަތުމަށް ކުރިއަށްގެންދާ "އެންވަޔަރަންމަންޓް އެންޑް ސޯޝަލް އިމްޕްލިމެންޓޭޝަން ސަޕޯޓް" މިޝަންގެ ބައެކެވެ.
މި ވަފުދުގައި އިސްކޮށް ހުންނެވީ ވޯލްޑް ބޭންކުގެ ސައުތު އޭޝިއާ ރީޖަންގެ އެންވަޔަރަންމަންޓަލް އެންޑް ސޯޝަލް ސްޓޭންޑަޑްސް ޕްރެކްޓިސް މެނޭޖަރު ޖަންމޭޖޭ ސިންގް އެވެ. މީގެ އިތުރުން އެ ބޭންކުގެ ސްރީ ލަންކާ ރީޖަނަލް އޮފީހުގެ އިސް ބޭފުޅުން ވެސް މި ދަތުރުގައި ބައިވެރިވެވަޑައިގެންނެވި އެވެ.


މި ދަތުރުގައި ވަފުދުގެ ބޭފުޅުން ވަނީ އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ ތިން މެގަވޮޓްގެ ސޯލާ ޕީވީ ނިޒާމާއި، ފުވައްމުލައް ސިޓީގައި ގާއިމުކޮށްފައިވާ ދެ މެގަވޮޓްގެ ސޯލާ ޕީވީ ނިޒާމުގެ މަސައްކަތްތައް ބައްލަވާލައްވައިފަ އެވެ. ސޯލާ ނިޒާމުތަކުގެ އިތުރުން، ބެޓަރީ އެނަޖީ ސްޓޯރޭޖް ސިސްޓަމް އަދި ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހިނގަމުންދާ ސައިޓުތަކަށް ޒިޔާރަތްކޮށް، އަމަލީ މަސައްކަތުގައި އުޅޭ ޓީމުތަކާ ބައްދަލުކޮށް މަސައްކަތުގެ ފެންވަރާއި ކުރިއެރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.
މި ދަތުރުގެ ތެރެއިން ވޯލްޑް ބޭންކުގެ ވަފުދުން ވަނީ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރާ ބައްދަލުކުރައްވައި، މަޝްރޫއުގެ މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލްގެ ހިޔާލު ވެސް ހޯއްދަވައިފަ އެވެ. މި ބައްދަލުވުމުގައި، މި މަޝްރޫއުތަކުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ކުރާނެ ފައިދާތަކާއި، ކަރަންޓުގެ ހިދުމަތް އިތުރަށް ފުރިހަމަކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނުކަމަށް މިނިސްޓްރީން ބުންޏެވެ.
ރާއްޖެ ސަރުކާރުން އަމާޒު ހިފާފައިވަނީ ރާއްޖޭގެ ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށެވެ. ވޯލްޑް ބޭންކުގެ އެހީގައި ހިންގާ މި މަޝްރޫއުތަކަކީ މި އަމާޒަށް ވާސިލުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.








