ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި އާ ލޮޓް ނަންބަރުތައް ކަނޑައެޅުމަށްޓަކައި ގުރުއަތުލުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
މި ގުރުއަތުލުން ކުރިއަށް ގެންދަނީ ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތަކެއް ގެނެސް، އާ ޕްލޭނެއް ތައްޔާރުކުރުމާ ގުޅިގެން ގޯތިތަކުގެ ސަރަހައްދުތަކަށް ބަދަލު އައުމާ ގުޅިގެންނެވެ. އެގޮތުން ގިރާވަރުފަޅުގެ އާ ލޭންޑް ޔޫސް ޕްލޭނުގައި އެ 610 ގޯތި ހިމަނައިގެން ޖުމްލަ 4,072 ގޯތި ގިރާވަރުފަޅުން ދޫކުރުމަށް ހިމަނާފައިވާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ބަދަލާއެކު ގިރާވަރުފަޅުން ގޯތި ލިބޭ ފަރާތްތަކަށް ލިބޭ ޕްލޮޓް ކަނޑައެޅުމުގެ ގުރުއަތުލުން މިއަދު ހެދުނު ވަނީ ފަށާފަ އެވެ. ގުރުއަތުލުން ކުރިއަށް ގެންދަނީ ސޯޝަލް ސެންޓަރުގަ އެވެ.
މިނިސްޓްރީން ބުނީ ގޯތިލިބޭ ފަރާތްތަކަށް ލިބިގެންދާ ޕްލޮޓްގެ ގުރުއަތުނެގުމުގެ ކަންކަން ކުރިއަށް ގެންދާނީ އެކަމަށް ކަނޑައަޅާ އެ މިނިސްޓްރީގެ މުވައްޒަފުން ކަމަށެވެ. އަދި ގުރުއަތުލާ ހޯލަށް ކޮންމެ ޕްލޮޓަކަށް އެއް ފަރާތަކަށް ވަދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، ގުރުއަތުން ޕްލޮޓް އެލޮކޭޓް ކުރެވުމާއެކު އެ ފަރާތަކަށް ލިބުނު ޕްލޮޓް ނަންބަރު އެސްއެމްއެސް މެދުވެރިކޮށް ވަގުތުން ފޮނުވޭނެ އެވެ.
ގިރާވަރުފަޅުން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފްސީލު؛
ގިރާވަރުފަޅުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކުގެ ތަފްސީލަށް ބަލާއިރު، އެކި ސައިޒުގެ ޖުމްލަ 4,072 ގޯތި ހިމެނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
• 1250 އަކަފޫޓުގެ 2605 ގޯތި
• 1650 އަކަފޫޓުގެ 1213 ގޯތި
• 2050 އަކަފޫޓުގެ 253 ގޯތި
• 2450 އަކަފޫޓުގެ 1 ގޯތި
މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި، ގުރުއަތުލުމުގެ ކަންކަން ނިމުމުން ގޯތިތަކުގެ ރަޖިސްޓްރީއާއި، ބިން ލިބޭ ފަރާތްތަކާއެކު ވެވޭ އެއްބަސްވުންތަކާ ގުޅޭ މައުލޫމާތު ފަހުގެ ތާރީހެއްގައި ހިއްސާކުރެވޭނެ އެވެ. އަދި ގިރާވަރުފަޅުގެ ބިން ހިއްކާ ނިމުމުން، ގޯތި ލިބިފައިވާ ފަރާތްތަކާ ރަސްމީކޮށް ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.










