މި ސަރުކާރަކީ އެމްޑީޕީ ސަރުކާރާ ހިލާފަށް މަޝްރޫއުތައް ފަށާފައި ނިންމާނެ ސަރުކާރެއް: ފަލާހު

އައިޝަތު ރުވާ ރިފްޢަތު | 29 ދުވަސް ކުރިން - 30 ޖެނުއަރީ 2026 23:36
ފުވައްމުލަކުގައި ޕީއެންސީން ބޭއްވި ޖަލްސާގައި ފަލާހު ވާހަކަފުޅު ދައްކަވަނީ---
ފުވައްމުލަކުގައި ޕީއެންސީން ބޭއްވި ޖަލްސާގައި ފަލާހު ވާހަކަފުޅު ދައްކަވަނީ---
ޚުލާސާ

ފަލާހު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ކަންކަން ކޮށްފައިވަނީ އެއްވެސް ރޭވުންތެރިކަމެއް ނެތި ކަމަށާއި، އެ ސަރުކާރުން ކުރިހާވެސް ކަމަކީ މަޝްރޫއުތަކުގެ ބިންގާ އެޅުން އެކަނި ކަމަށް.

މިހާރުގެ ސަރުކާރަކީ ވޭތުވެދިޔަ އެމްޑީޕީގެ ސަރުކާރާ ހިލާފަށް، ތަރުތީބުވެގެން މަޝްރޫއުތައް ފަށާފައި އެ މަޝްރޫއުތައް ނިންމާނެ ސަރުކާރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.

ޕީއެންސީން ފުވައްމުލައް ސިޓީގައި ކެމްޕެއިން އިފްތިތާހުކުރަން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރަކީ ކަންކަން ވަރަށް ބޮޑަށް ތަރުތީބުކޮށް، ޕްލޭންކޮށް އަދި މަޝްރޫއުތަކަށް ބޭނުންވާ ބަޖެޓު ހޯދައިގެން މަސައްކަތްކުރާ ސަރުކާރެއް ކަމަށެވެ. މީގެ އިތުރުން، މި ސަރުކާރާ ވެރިކަން ހަވާލުވިއިރު ދައުލަތުގެ މާލީ ހާލަތު އޮތް ގޮތުން އެންމެ މަޝްރޫއެއްވެސް ކުރިއަށް ގެންދެވޭ ވަރަށް ފައިސާ ނެތްކަން އޭނާ ފާހަގަކުރެއްވި އެވެ.

ފަލާހު އިތުރަށް ވިދާޅުވީ، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ކަންކަން ކޮށްފައިވަނީ އެއްވެސް ރޭވުންތެރިކަމެއް ނެތި ކަމަށާއި، އެ ސަރުކާރުން ކުރިހާވެސް ކަމަކީ މަޝްރޫއުތަކުގެ ބިންގާ އެޅުން އެކަނި ކަމަށެވެ. ނަމަވެސް މި ސަރުކާރުން އަމަލުކުރަމުންދަނީ އެއާ މުޅިން ތަފާތު ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ސަރުކާރުގައި ތިއްބެވި ގާބިލް މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިންނާއެކު ރައީސުލްޖުމްހޫރިއްޔާ މަޝްރޫއުތައް ހިންގަން ރާވަނީ އެ މަޝްރޫއުތައް ނިންމޭ ވަރަށް ފައިސާ ހޯދައި އެއްކޮށްގެން،" ފަލާހު ވިދާޅުވި އެވެ.

ޒިންމާދާރު ސަރުކާރެއްގެ ސިފަޔަކީ މަޝްރޫއުތައް ނިންމޭނެކަމުގެ ޔަގީންކަން ހޯދައިގެން މަސައްކަތް ފެށުން ކަމަށާއި، ރައީސް މުއިއްޒުގެ ސަރުކާރުން ދައްކައިދެނީ އެ ނަމޫނާ ކަމަށްވެސް ފަލާހު ވިދާޅުވި އެވެ. މި ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައި، ފަށާފައިވާ މަސައްކަތްތައް ކާމިޔާބުކަމާއެކު ނިންމާލުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%