ވައިގެ މަގުން ފުވައްމުލައް ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު އެއާޕޯޓުން ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެ ރަށު މިސްކިތްމަގު، ކިނާރާ، އުމުރުން 57 އަހަރުގެ އަބްދުﷲ މުހައްމަދެވެ.
ފުލުހުން ބުނި ގޮތުގައި، މިއީ ފުލުހުންގެ ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސާއި ފުވައްމުލައް ސިޓީ ޕޮލިސް ގުޅިގެން މި ހިނގާ މަހުގެ 20 ވަނަ ދުވަހު ހިންގި ހާއްސަ ހަރަކާތެކެވެ. މި އޮޕަރޭޝަނުގައި ފުވައްމުލަކު އެއާޕޯޓުން އޭނާ ހުއްޓުވައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި އަޅާފައި ހުރި ރަބަރު ޕެކެޓުތަކެއް ވަނީ ފެނިފަ އެވެ. އަދި އަތުލައިގަނެވުނު މި ތަކެތީގެ ވަގުތީ ބަރުދަނަކީ 68 ގްރާމެވެ.
މި ތަކެއްޗާއެކު އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތުން ވަނީ 20 ދުވަހަށް އޭނާ ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ.
އެގޮތުން،ފުވައްމުލައް ސިޓީ ޕޮލިހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.









