ކީރިތި ގުރުއާނުގެ އިލްމު ފެތުރުމާއި، ގުރުއާން އުނގަންނައިދިނުމުގެ މަސައްކަތް ހަރުދަނާކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ ދަށުން، ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗް ސެންޓަރު މިއަދު ހަވީރު ރަސްމީކޮށް ހުޅުވައިފިއެވެ.
މިކަމަށްޓަކައި ފުވައްމުލައް ސިޓީގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި މި ސެންޓަރު ހުޅުވައިދެއްވީ، އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޒް އަބްދުﷲ ސައުދާން އަދި ފުވައްމުލައް ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޟިރާރުއެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީގެ އިސްވެރިންނާއި، ފުވައްމުލައް ސިޓީ ކައުންސިލްގެ މެންބަރުންގެ އިތުރުން އެ ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.
މި އައުޓްރީޗް ސެންޓަރަކީ ވަސީލަތްތަކުގެ ގޮތުން މުއްސަނދި ތަނެކެވެ. އެގޮތުން މި މަރުކަޒުގައި ފަސް ކުލާސްރޫމާއި، ނަމާދު ކުރާނެ ހާއްސަ ކޮޓަރިއަކާއި، ހިފްޒު ޓެސްޓު ހަދާ ރޫމެއްގެ އިތުރުން އޮޑިޓޯރިއަމްއަކާއި، ލައިބްރަރީއަކާއި، އޮފީސް ބަޔަކާއި މީޓީންގ ރޫމެއް ހިމެނެއެވެ.
މި މަރުކަޒު ހުޅުވުމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ފުވައްމުލައް ސިޓީގައި ގުރުއާން ހިފްޒުކުރުމުގެ ޕްރޮގުރާމުތައް އިތުރުކޮށް، މުދައްރިސުންގެ އަދަދުވެސް އިތުރުކުރައްވާނެ ކަމަށެވެ. މީގެއިތުރުން، ފުވައްމުލައް ސިޓީގައި ބިނާކުރުމަށް ހަމަޖެހިފައިވާ އިސްލާމީ މަރުކަޒުގެ ޑިޒައިން ނިމި، ކައުންސިލްގެ ލަފައަކަށް މިހާރު ފޮނުވާފައިވާކަން މިނިސްޓަރު ހާމަކުރެއްވިއެވެ. އިސްލާމީ މަރުކަޒު ނިމުމުން، މިހާރު ހުޅުވުނު ގުރުއާނާ ބެހޭ މަރުކަޒު ވަގުފު ބިނާއަކަށް ބަދަލުކުރެވޭނެ ކަމަށާއި، އެތަނުން ލިބޭ އާމްދަނީ ހަރަދުކުރާނީ އެ ސިޓީގެ ދީނީ ކަންކަމަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮފިތައް ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން މިހާރުވެސް ރާއްޖޭގެ 16 ރަށެއްގައި މިފަދަ ގޮފިތައް ބިނާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ކީރިތި ގުރުއާނުގެ ދާއިރާއަށް މި ސަރުކާރުން ބޮޑު އަހައްމިއްޔަތުކަމެއް ދެމުންދާއިރު، ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ ދައުލަތުގެ ބަޖެޓުން ސީދާ ހަރަދުކޮށްގެން ބާއްވާ، ރާއްޖޭގައި ބޭއްވޭ އެންމެ އަގުބޮޑު އިނާމުތައްދޭ ޝަރަފްވެރި މުބާރާތަށް މިހާރު ވަނީ ހަދާފައެވެ.









