ޖަރުމަނުގެ ކެޕްޓަން، ތުރްކިޔޭ ނަސްލުގެ އިލްކޭ ގުންޑޮގަން އިންޓަނޭޝަނަލް ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމައިފިއެވެ. އޭނާ މިކަން ހާމަ ކޮށްފައިވަނީ ސޯޝަލް މީޑިއާގައި ނެރުނު ޕޯސްޓެއްގައެވެ.
'' ދެތިން ހަފްތާއެއްހާ ދުވަހުގެ ވިސްނުމަށް ފަހު މިއީ އަހަރެންގެ ގައުމީ ޓީމުގެ ކެރިއަރު ނިންމާލަންވީ ވަގުތު ކަމަށް ނިންމައިފިން. އަހަރެންގެ އުފަން ގައުމަށް ކުޅުނު 82 ބައިނަލްއަގްވާމީ މެޗު އަހަރެން ވަރަށް ފަޚުރުވެރިކަމާއެކު ބަލާނަން. މިއީ 2011 ވަނަ އަހަރު ސީނިއާ ގައުމީ ޓީމަށް ފުރަތަމަ މެޗު ކުޅުނުއިރު ހުވަފެނުގައިވެސް ނުދެކޭ އަދަދެއް " ބާސެލޯނާގެ މިޑްފީލްޑަރު ބުނެފައިވެއެވެ.
ގުންޑޮގަން އިތުރަށް ބުނީ ގައުމީ ޓީމާއެކު އޭނާއަށް ލިބިފައިވާ އެންމެ ބޮޑު ޝަރަފަކީ މިއަހަރު އަމިއްލަ ގައުމުގައި ބޭއްވި ޔޫރޯ 2024 ގައި ކެޕްޓަނެއްގެ ގޮތުގައި ޓީމު ލީޑް ކުރަން ލިބުމެވެ.
މި ހޫނު މޫސުމުގެ ޓްރާންސްފާގައި ބާސެލޯނާ ދޫކޮށް އެހެން ޓީމަކަށް ބަދަލުވުމަށް މަސައްކަތް ކުރަމުން އަންނަ ގުންޑޮގަން ހޯދުމަށް އޭނާގެ ކުރީގެ ޓީމު މެންޗެސްޓާ ސިޓީން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. ސިޓީގައި ހޭދަކުރި ހަ އަހަރު ދުވަހުގެ ތެރޭގައި ޕްރިމިއާ ލީގު 5 ފަހަރު، އެފްއޭ ކަޕް 2 ފަހަރު އަދި ޗެމްޕިއަންސް ލީގު 1 ފަހަރު އޭނަ ވަނީ ކާމިޔާބު ކޮށްފައެވެ.









