ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެތި ފުވައްމުލަކު ސިޓީން ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
މި ތަކެތި ހޯދާފައި ވަނީ މަސްތުވާތަކެއްޗާއި ބަނގުރަލާ ދެކޮޅަށް ފުވައްމުލައް ސިޓީ ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މި މަހުގެ 29 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި އޮޕަރޭޝަންގައި، ފުވައްމުލަކު ސިޓީގެ އެކި ސަރަހައްދުތަކުގެ ވަލުތެރެ ބަލައިފާސްކޮށްފައިވާއިރު މި ބަލައިފާސްކުރުމުގެ ތެރެއިން، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި ފުޅިތަކަކާއި، ހަންތަކެއްގެ އިތުރުން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.










