ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރަމުންދާ މަސައްކަތުގެ ދަށުން، ކ. ތިލަފުށީގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްއެއް މިއަދު ހުޅުވައިފި އެވެ.
ތިލަފުށީގައި އޭޓީއެމްގެ ހިދުމަތް ފަށާފައިވަނީ އެރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވާފައިވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބާއި، ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފުގެ އިތުރުން އެ ބޭނުންކުގެ އިސްވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ބީއެމްއެލްގެ އޭޓީއެމްއެއް ތިލަފުށީގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި. / ފޮޓޯ: ބީއެމްއެލް
ސިނާއީ މަސައްކަތްތައް ކުރާ މަރުކަޒެއްގެ ގޮތުގައި ފާހަގަކުރެވޭ ތިލަފުށީގައި މި ހުޅުވުނު އޭޓީއެމް މެދުވެރިކޮށް، އާންމު ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ބޭންކިން ހިދުމަތް ލިބިގެންދާނެ އެވެ. މީގެ ތެރޭގައި ފައިސާ ނެގުމާއި، ފައިސާ ޖަމާކުރުމާއި، އަދި ފައިސާ ފޮނުވުމުގެ ހިދުމަތް ހިމެނެ އެވެ.
ބީއެމްއެލް އިން ހާމަކޮށްފައިވާ ގޮތުގައި، މި އޭޓީއެމް ހުޅުވުމުގެ މައިގަނޑު މަގްސަދަކީ ތިލަފުށީގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުންނާއި، އެ ރަށުގައި ހިންގާ ވިޔަފާރިތަކަށް ބޭންކިން ހިދުމަތް ހޯދުމުގައި ކުރިމަތިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމެވެ. މީގެ ކުރިން ބޭންކިން ހިދުމަތް ހޯދުމަށް ގިނަފަހަރަށް މާލެއަށް ނުވަތަ ވިލިމާލެއަށް ދާންޖެހުމުގެ ސަބަބުން ވިޔަފާރިވެރިންނަށާއި އާންމުންނަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވެ އެވެ.
މި ސަރުކާރުން އިގްތިސާދީ ދާއިރާ ހަރުދަނާކޮށް، ވިޔަފާރިތަކަށް ބޭނުންވާ ފަސޭހަތައް ފޯރުކޮށްދިނުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭންކިން ހިދުމަތްތައް ފުޅާކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުންނެވެ.
ބޭންކް އޮފް މޯލްޑިވްސް އަކީ މުޅި ރާއްޖެއަށް ފެތުރިފައިވާ އެންމެ ބޮޑު ބޭންކިން ނެޓްވޯކް އޮތް ބޭންކެވެ. އެގޮތުން ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން ގިނަ އަދަދެއްގެ ބްރާންޗްތަކާއި، ސެލްފް ސާވިސް ބޭންކިން ސެންޓަރުތަކާއި، އޭޓީއެމްތައް މެދުވެރިކޮށް އެ ބޭންކުން ދަނީ ހިދުމަތް ދެމުންނެވެ. ތިލަފުށީގައި މި ހުޅުވުނު އޭޓީއެމްއާއެކު އެ ރަށުގެ އިގްތިދީ ހަރަކާތްތަކަށް އިތުރު ދިރުމެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.










