ތައިލެންޑުގެ ބެންކޮކުގައި ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖޭގެ ގައުމީ ފުޓްސަލް ޓީމަށް ތާރީހީ ރަން މެޑައްޔެއް ހޯދައިދިން ކޯޗު ފާރޫކް ޒަކީރޯފް، އޭނާގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު މިއަދު އެނބުރި ގައުމަށް ފުރައިފި އެވެ.
އެ މުބާރާތުގައި ގައުމީ ފުޓްސަލް ޓީމަށް ކޯޗުކަން ކޮށްދިން އުޒްބެކިސްތާނަށް ނިސްބަތްވާ ފާރޫކުގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ޓީމު ވަނީ އާދަޔާހިލާފު މޮޅު ކުޅުމެއް ދައްކާފަ އެވެ. މި މުބާރާތުގައި އޭނާގެ ރެކޯޑަކީ ސައްތަ އިން ސައްތަ ކާމިޔާބު ރެކޯޑެކެވެ. ރާއްޖޭގެ ޓީމު މުބާރާތުގައި ކުޅުނު 6 މެޗުން ވެސް ވަނީ މޮޅުވެފަ އެވެ.
ކޯޗު ފާރޫކު ރާއްޖެއަށް ހޯދައިދިން މި ކާމިޔާބީއަކީ ދިވެހި ފުޓްސަލްގެ ތާރީހުގައި ރަން އަކުރުން ފަވާލެވޭނެ ފަދަ ބޮޑު ކާމިޔާބީއެކެވެ. މިއަދު އޭނާ ފުރައިގެން ދިޔައިރު، ގިނަ ބަޔަކު ވަނީ އޭނާގެ މަސައްކަތަށް ޝުކުރު އަދާކޮށް، ހެޔޮ ދަތުރަކަށް އެދިފައެވެ.
ކޯޗު ފާރޫކަށް އަލްވަދާއު ކިޔަމުން، ދިވެހިރާއްޖެއަކީ އަބަދުވެސް އޭނާއަށް މަރުހަބާ ކިޔާނެ ދެވަނަ ގެއެއްގެ ގޮތުގައި ފުޓްސަލް އާއިލާއިން ފާހަގަކުރެއެވެ. އޭނާ ރާއްޖެއަށް ހޯދައިދިން ޝަރަފާއި ފަހުރަށްޓަކައި ދިވެހި ސަޕޯޓަރުން ތިބީ އުފަލުންނެވެ.

ކޯޗު ފާރޫކާއެކު ގައުމީ ޓީމުގެ ކުޅުންތެރިން. / ފޮޓޯ: އެފްއޭއެމް
ފާރޫކް ރާއްޖެއިން ފުރުވާލުމަށްޓަކައި އެފްއޭއެމްގެ ރައީސް އަހްމަދު ތާރިގާއި އެފްއޭއެމްގެ އޮފިޝަލުން އަދި ގައުމީ ޓީމުގެ ކުޅުންތެރިން އެއާޕޯޓަށް ވަޑައިގެންނެވި އެވެ.










