ސާކު ސަރަހައްދުގައި ބޭއްވި ފުރަތަމަ ފުޓްސަލް މުބާރާތުގެ ފަހުރުވެރި ޗެމްޕިއަންކަން ކާމިޔާބު ކުރުމަށް ފަހު ދިވެހި ގައުމީ ޓީމު ގައުމަށް އެނބުރި އައުމުން މާލެއިން ހޫނު މަރުހަބާއެއް ޓީމަށް ކިޔައިފި އެވެ.
ބެންކޮކުގައި އޮތް މުބާރާތުގެ ތަށި ކާމިޔާބުކުރުމަށް ފަހު ގައުމީ ޓީމު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ޓާމިނަލްއަށް އައުމުން، މަރުހަބާ ވިދާޅުވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އާއި، ފުޓުބޯޅަ ދާއިރާގެ އިސްވެރިންނާއި، ގައުމީ ޓީމު ކުޅުންތެރިންގެ އާއިލާތަކުންނެވެ. ގައުމީ ޓީމަށް މަރުހަބާ ކިޔުމުގެ ގޮތުން އެއާޕޯޓުގައި ޓީމަށް މަރުހަބާ ކިޔުމަށްފަހު، ބަހުގައި ޓީމު މާލެއަށް އައުމުން ސޯޝަލް ސެންޓަރު ސަރަހައްދުން ޓީމަށް ހޫނު މަރުހަބާއެއް ވަނީ ކިޔާފަ އެވެ.
އެއަށްފަހު ލޮރީއެއްގައި ޓީމު ވަނީ ޓީމަށް މަރުހަބާ ކިޔުމަށް ހަމަޖެހިފައިވާ އާޓިފިޝަލް ބީޗު ސަރަހައްދަށް ގޮއްސަ އެވެ. އެގޮތުން އާޓިފިޝަލް ބީޗު ސަރަހައްދުގައި ގިނަ އަދަދެއްގެ މީހުން އެއްވެ އެބަ ތިއްބެވެ. އެތަނުގައި އޮތް މަރުހަބާ ކިޔުމުގެ ހަރަކާތްތަކުގެ ތެރޭގައި ހަވާ އެރުވުންވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ފުޓްސަލް ގައުމީ ޓީމަށް މާލެއިން މަރުހަބާއ ކިޔުމަށް މިރޭ ބޭއްވި ހަރަކާތްތަކުގެ ތެރެއިން---ފޮޓޯ:ޚުލާސާ
ރާއްޖެއިން މިހޯދި ތާރީހީ ކާމިޔާބީ ހޯދުމަށްޓަކައި ފުޓްސަލް ގައުމީ ޓީމު މުބާރާތަށް ތައްޔާރުވުމަށް ޗައިނާގައި ހާއްސަ ކޭމްޕިން ހަރަކާތެއް ކުރިއަށް ގެންދިޔަ އެވެ. އަދި މި މުބާރާތާ ދިމާކޮށް އުޒްބަކިސްތާނަށް ނިސްބަތްވާ ތަޖުރިބާކާރު ކޯޗެއް ވެސް ޓީމަށް ވަނީ އައްޔަނު ކޮށްފަ އެވެ.
ރާއްޖޭގެ ގައުމީ ޓީމުން މުބާރާތުގައި ދެއްކި ކުޅުމަށް ތައުރީފުކޮށް މި ސަރަހައްދުގެ އެހެން ގައުމުތަކުގެ ކޯޗުންނާއި ކުޅުންތެރިންނާއި ސަޕޯޓަރުންގެ އިތުރަށް މި ސަރަހައްދުގެ ކުޅިވަރު ތަހުލީލުކުރާ އެނަލިސްޓުންގެ ތައުރީފު ޓީމަށް ލިބިފައިވެ އެވެ.
ލީގު އުސޫލުން ކުޅުނު މި މުބާރާތުގައި ރާއްޖެއިން ވަނީ ކުޅުނު ހަ މެޗުން ވެސް މޮޅުވެ 18 ޕޮއިންޓް ހޯދާފަ އެވެ. މިއީ ސަރަހައްދީ ފެންވަރުގެ މުބާރާތަކުން ރާއްޖޭގެ ފުޓްސަލް ޓީމު ހޯދި ފުރަތަމަ ބޮޑު ކާމިޔާބީއެވެ.










