ސައުތް އޭޝިއަން ފުޓްބޯލް ފެޑަރޭޝަން (ސާފް) ވިމެންސް ފުޓްސަލް މުބާރާތުގައި ޕާކިސްތާނު އަތުން 1-3 ގެ ނަތީޖާއިން ބަލިވެ މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ޕޮއިންޓެއް ހޯދާލެވޭ ގޮތެއް ނުވި އެވެ.
ތައިލަންޑުގައި ކުރިއަށްދާ މި މުބާރާތުގައި ގައުމީ ޓީމުގެ ފަރާތުން އެހެން މެޗުތަކާ އަޅާ ބަލާއިރު މިރޭ ވަނީ ރަނގަޅު ކުޅުމެއް ފެނިފަ އެވެ. މި މެޗުގައި ޕާކިސްތާން ފުރަތަމަ ގޯލު ޖަހާފައިވަނިކޮށް ރާއްޖެ ޓީމުން އެއްވަރުކުރިކަން ފާހަގަކޮށްލެވެ އެވެ.
މެޗުގައި ޕާކިސްތާނުގެ ގޯލުތައް ކާމިޔާބުކުރީ އަޒްވާ، ޒަހުރާ އަދި ހިރާ އެވެ. ރާއްޖޭގެ ހަމައެކަނި ގޯލު ޖެހީ ލިބުނު ހިލޭ ޖެހުމަކުން މަރިޔަމް ނޫރާ އެވެ.
މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާ އަތުން ބަލިވެފައިވަނީ 1-11 އިންނެވެ. ދެވަނަ މެޗުގައި ނޭޕާލް އަތުން ބަލިވެފައިވަނީ 0-5 ގެ ނަތީޖާއިންނެވެ. މިއީ އިންޑޯ ޕިޗެއްގައި ރާއްޖޭގެ ގައުމީ އަންހެން ޓީމު ކުޅޭ ފުރަތަމަ މުބާރާތެވެ.
މި މުބާރާތުގައި ރާއްޖެ ދެން ކުޅޭނީ އަންނަ ބުދަ ދުވަހު ބޫޓާންއާ ދެކޮޅަށެވެ. އަދި އެއަށްފަހު ލަންކާ އާއި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭނެ އެވެ. ބައިނަލްއަގްވާމީ މުބާރާތެއްގައި އަންހެން ޓީމް ބައިވެރިކުރުމަކީ ރާއްޖޭގެ ފުޓްސަލް ކުރިއެރުވުމަށްޓަކައި ހޯދޭނެ ބޮޑު ކާމިޔާބީއެކެވެ.






