އެފްއޭއެމްގެ ހިޔާނާތުގެ ތުހުމަތުވާ އަގީލް ބެންކޮކުން ހައްޔަރުކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 30 ދުވަސް ކުރިން - 30 ޖެނުއަރީ 2026 17:17
ގއ. ގެމަނަފުށި، ފެހިކުރި، މުހައްމަދު އަގީލް---
ގއ. ގެމަނަފުށި، ފެހިކުރި، މުހައްމަދު އަގީލް---
ޚުލާސާ

އަގީލް އަނބުރާ ރާއްޖެ ގެނައުމަށްޓަކައި ކުރަންޖެހޭ ގާނޫނީ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދޭ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ބައިނަލްއަގުވާމީ ފުޓްބޯޅަ އިދާރާ (ފީފާ) އިން ފޮނުވި ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި ދައުވާ އުފުލާފައިވާ ގއ. ގެމަނަފުށި، ފެހިކުރި، މުހައްމަދު އަގީލް ތައިލޭންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފި އެވެ.

އެގިފައިވާ ގޮތުގައި އަގީލް ތައިލޭންޑުން ހިފަހައްޓާފައިވަނީ ވިސާގެ ގަވާއިދުތަކާ ހިލާފުވެގެންނެވެ. އޭނާ ހައްޔަރުކުރި ތާރީހެއް ސީދާ ފުލުހުން ހާމަކޮށްފައި ނުވި ނަމަވެސް، އޭނާއަކީ އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާ މީހަކަށް ވާތީ، ތައިލޭންޑުގެ ކަމާބެހޭ އިދާރާތަކުން ވަނީ އެކަން ދިވެހި ފުލުހުންނަށް އަންގާފަ އެވެ. އަގީލް އަނބުރާ ރާއްޖެ ގެނައުމަށްޓަކައި ކުރަންޖެހޭ ގާނޫނީ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

އަގީލްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ފީފާއިން އެފްއޭއެމަށް ފޮނުވި ފައިސާ ލޯންޑާކޮށްދިނުމުގައި އެހީތެރިވެދިން ކަމުގެ ދައުވާ އެވެ. މިގޮތުން އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، އަމިން އެވެނިއުއިން އެޕާޓްމަންޓް ހޯދުމަށާއި މަނީ ލޯންޑާކުރުމަށް އަގީލް އެހީތެރިވެދީފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ. މި މައްސަލައިގެ ޝަރީއަތަށް އަގީލް ހާޒިރުނުވުމުގެ ސަބަބުން މީގެ ކުރިން ބޭއްވުމަށް ތާވަލުކުރި ގިނަ އަޑުއެހުންތަކެއް ވަނީ ކެންސަލްކުރަން ޖެހިފަ އެވެ.

އެފްއޭއެމްގެ ހިޔާނާތުގެ މި ބޮޑު މައްސަލައިގައި ބައްސާމް އަދީލް ޖަލީލްގެ މައްޗަށް މިހާތަނަށް ތަފާތު ތިން މައްސަލައެއްގައި ޖުމްލަ 32 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު އަހަރުގެ ހުކުމަކާއި، ފަސް އަހަރުގެ ހުކުމެއްގެ އިތުރުން 23 އަހަރުގެ ޖަލު ހުކުމެކެވެ. މީގެ ތެރެއިން ހަތަރު އަހަރާއި ފަސް އަހަރުގެ ހުކުމް ބައްސާމްގެ ފަރާތުން މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.

މި މައްސަލައަކީ ދިވެހި ފުޓްބޯޅައިގެ މައި އިދާރާގެ ތެރޭގައި ހިނގާފައިވާ ކޮރަޕްޝަނާއި ހިޔާނާތުގެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވި، ކަމާބެހޭ އިދާރާތަކުން އަންނަނީ ވަރަށް ބޮޑަށް ތަހުގީގު ކުރަމުންނެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%