އިލްމު އުނގެނުމަކީ ސުވަރުގެއަށް ދިއުމަށް މަގު ފަހިކޮށްދޭ އަޖުރު މަތިވެރި ޖިހާދެއް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
މިއަދުގެ ހުކުރު ހުތުބާގައި ދަރިވަރުންނަށާއި، މުދައްރިސުންނަށާއި، ބެލެނެވެރިންގެ އިތުރުން ތައުލީމީ ދާއިރާގެ ކަމާބެހޭ އިދާރާތަކުގެ ވެރިންނަށް ވަނީ އަގުހުރި ނަސޭހަތްތަކެއް ދެއްވައިފަ އެވެ. އެގޮތުން ދަރިވަރުންނަށް ވަރަށް އަގުހުރި ނަސޭހަތެއް ވަނީ ދެއްވައިފަ އެވެ. ދަރިވަރުންނަކީ ގައުމާއި އުންމަތުގެ އުންމީދު ކަމަށާއި އެހެން އެކަން އޮތްއިރު، ދަރިވަރުންނަށް އުނގަންނައިދޭ މުދައްރިސުންނަށް އިހްތިރާމްކޮށް، ސްކޫލުގެ އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތާ ބަޔަކަށްވުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ. އަދި ބޭނުމެއް ނެތް ކަންކަމުގައި ވަގުތު ބޭކާރު ނުކޮށް، އިލްމު އުނގެނި، މާތްﷲ އެންގެވި ކަންކަމަށް ފުރިހަމައަށް ބޯލަނބާ ބަޔަކަށް ދަރިވަރުންވުމުގެ މުހިއްމު ކަމަށް ވެސް ހުތުބާގައި އަލިއަޅުވާލި އެވެ.
ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުންނަށް ވެސް ހުތުބާގައި ވަނީ އަގުހުރި ނަސޭހަތެއް ދެއްވައިފަ އެވެ. އެގޮތުން މުދައްރިސުންނަކީ އިލްމާއި މައުރިފާގެ ނޫރުން ދަރިވަރުންގެ ހިތްތައް އަލިކޮށް ރޯޝަންކޮށްދޭ ދަންމަރުތަކެއް ކަމަށްވާއިރު، އިސްލާމްދީނުގެ އަސްލުތަކާއި ތަރަހައިގެ ތެރޭގައި އެ ކުދިންގެ މުސްތަގުބަލު ބިނާކުރާ ބަޔަކަށްވުމަށް ވަނީ ނަސޭހަތްތެރިވެފަ އެވެ.
އެއީ ނުހަނު ބޮޑު އަމާނާތެއް ކަމަށާއި އެ އަމާނާތަށް ރައްކާތެރިވާ މުދައްރިސުންގެ ދަރަޖަ އެތަށް ގުނައެއް އުފުލިގެންދާނެ ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.
ހުތުބާގައި ބުނީ، މީސްތަކުންނަށް ހެޔޮކޮށް އުނގަންނައިދޭ މީހާގެ މައްޗަށް މާތްﷲ ހެޔޮ ރަހުމަތް ލައްވާއިރު އެ ކަލާނގެ ހަލްގުކުރެއްވި މަހްލޫގުން ވެސް އެ މީހަކަށް ހެޔޮ ދުއާ ކުރާ ކަމަށެވެ. މިކަން މިހެން އޮތްއިރު މި މަތިވެރި މަސްއޫލިއްޔަތަށް ކެތްތެރިވެ ދަރިވަރުންނަށް ލޯތްބާއި އަދުލުވެރިކަމާއެކު އިރުޝާދު ދިނުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ. އެހެން އެކަން ކޮށްފި ނަމަ ކީރިތި ރަސޫލާ صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ ގެ ހަދީސްފުޅުތަކުގައިވާ ފަދަ ދަރަޖަ މަތިވެރި ބަޔަކަށް މުދައްރިސުން ވާނެ ކަމަށް ހުތުބާގައި ބުންޏެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބެލެނެވެރިންނަށް ވެސް ވަނީ އަގުހުރި ނަސޭހަތެއް ދެއްވައިފަ އެވެ. ދަރިން ސްކޫލަށް ފޮނުވުމުން ބެލެނެވެރިންގެ ޒިންމާއިން ބަރީއަވީ ނޫންކަން ފާހަގަކުރަމުން ހުތުބާގައި ވަނީ، އެ ކުދިންނަށް ބޭނުންވާ ތަކެތި ހޯދައިދޭ ފަދައިން އެ ކުދިންނަށް ހިތްވަރުދީ އިތުބާރު ހޯދައިދިނުމަށް ނަސޭހަތްތެރިވެފަ އެވެ. އެ ކުދިންގެ ސިއްހަތާއި އެ ކުދިންނަށް އަންނަ ޖިސްމާނީ އަދި ނަފްސާނީ ބަދަލުތަކަށް ހޭލުންތެރިކުރުވާ އެންމެ ގާތް އެކުވެރިއަކަށްވުމުގެ މުހިއްމު ކަމަށް ހުތުބާގައި އަލިއަޅުވާލި އެވެ.
އަދިހަމައެހެންމެ، އާއިލީ ނުތަނަވަސްކަމާއި މުޖުތަމައުން ކުރިމަތިވާ ތުރާތަކުން ދަރިން ދުރުކޮށްދީ، އެ ކުދިންގެ ރައްކާތެރިކޮށްދޭ އައްޑަނައަކަށްވުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ. މީގެ އިތުރުން އެ ކުދިންނަށް ލިބޭ ކާމިޔާބީގައި ބައިވެރިވެ، ތަރުހީބު ދީ އަދި ނާކާމިޔާބީގައި ރުޅި އިސްނުކޮށް އެ ކުދިންގެ އަތުގައި ހިފައި އާ އަޒުމަކާ އެކު ކުރިއަށްދާން ހިތްވަރުދޭ ބަޔަކަށްވުމަށް ވެސް ނަސޭހަތްތެރިވި އެވެ.
މީގެ އިތުރުން ތައުލީމީ ސިޔާސަތުތައް ޒަމާނާ ގުޅޭ ގޮތަށް މުރާޖައާކޮށް ހަރުދަނާކުރުމަށް ކަމާބެހޭ އިދާރާތަކުގެ ވެރިންނަށް ހުތުބާގައި ނަސޭހަތްތެރިވެފައިވެ އެވެ. މަންހަޖުތަކާއި މުގައްރަރުތައް އިލާހީ މަންހަޖާ އެއްގޮތަށް ދުރު ރާސްތާގެ ސާބިތު އަމާޒުތަކެއްގެ މައްޗަށް ބިނާކުރުމުގެ މުހިއްމުކަމަށް އަލިއަޅުވާލަމުން ހުތުބާގައި އިތުރަށް ބުނީ އަސާސީ ބިންގާތަކަށް ލޮޅުން ނާރާނޭހެން ކަންކަން ތަރުތީބުކުރުމަކީ ކުރިއަށް އަންނަން އޮތް ޖީލުތަކަށްޓަކައި ވެރިންގެ ކޮނޑުގައި އެޅިފައިވާ ބޮޑު މަސްއޫލިއްޔަތެއް ކަމަށެވެ. މި އަމާނާތަށް ރައްކާތެރިވުމަށް ކަމާބެހޭ އިދާރާތަކުގެ ވެރިންނަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.










