މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ " މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް" ބޭއްވުމަށް ކޮންފަރެންސް ޕާޓްނަރުންނާއި އެކު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އެމްޕީއެލުން ނެރުން ބަޔާނުގައި ބުނެފައިވަނީ އެކުންފުނިން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި" މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް" ބޭއްވުމަށް، ކޮންފަރެންސް ޕާޓްނަރުންނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އެމްޕީއެލްއިން ބުނި ގޮތުގައި މި އެބަސްވުމުގައި ސޮއިކުރީ އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު މެންދުރު ކަމަށެވެ. އަދި އެރަސްމިއްޔާތުގައި "މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް" ގެ ހަތަރު ޕާޓްނަރުން ވަނީ ބައިވެރިވެފައި ކަމަށެވެ.
ހަމައެއާ އެކު އެމްޕީއެލުން އެބަޔާނުގައި ބުނެފައިވަނީ މި އަހަރުގެ "މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް" ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގައި ކަމަށެވެ. މިއީ "މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް"ގެ ދެވަނަ އެޑިޝަން ކަމަށެވެ.
މިއަހަރުގެ "މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް" ގައި ބައިވެރިވާހަތަރު ޕާޓްނަރުންނަކީ:
- ލޮޖިސްޓިކްސް ޕާޓްނަރު - މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމް.އެސް.އެސް)
- ބްރޯޑްކާސްޓިން ޕާޓްނަރު – ޕަބްލިކް ސާވިސް މީޑިއާ (ޕީ.އެސް.އެމް)
- ހޯސްޓިން ޕާޓްނަރު – ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ
- މެގަޒިން ޕާޓްނަރު – މޯލްޑިވްސް މެރިޓައިމް ޖާނަލް (އެމް.އެމް.ޖޭ)


އެމްޕީއެލުން ބުނީ އެރަސްމިއްޔާތުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއޯ ޑީސީޕީ (ރިޓަޔަޑް) މުޙައްމަދު ރިޝްވާނު ކަމަށެވެ. އަދި އެމްއެސްއެސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަރީފް ކަމަށެވެ. އޭގެ އިތުރުން ޕީއެސްއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަކީބް ކަމަށެވެ. ވިލާ ޝިޕިން ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޝަނަލް އޮފިސަރު މުއާވިޔަތު އުމަރެވެ. އަދި އެމްއެމްޖޭގެ ފަރާތުން ސޮއިކުރެއްވީ ކެޕްޓަން މުހައްމަދު ނާޒިމެވެ.
މި ކޮންފަރެންސް އެންމެ ފުރަތަމަ އެމްޕީއެލްއިން ބޭއްވީ 2024 ވަަނަ އަހަރުގަ އެވެ. މި ކޮންފަރެންސަކީ މެރިޓައިމް ދާއިރާގެ ބައިނަލްއަގްވާމީ ތަޖުރިބާކާރުންނާއި ސްޓޭކްހޯލްޑަރުންނާއި ދާއިރާއާއި ގުޅުންހުރި ފަރާތްތައް ބައްދަލުކުރުމަށް ބާއްވާ ކޮންފަރެންސްއެއްކެވެ. އަދި ހަމަ އެހެންމެ މިކޮންފަރެންސްއަކީ ދާއިރާގެ ކުރިއެރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމުގެ ގޮތުން ބާއްވާ ބައިނަލްއަގްވާމީ ކޮންފަރެންސެކެވެ.








