ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާގޮތަށް ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކުގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ނިންމައިފި އެވެ.
މި އިސްލާހަކީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށާއި އިންތިހާބީ ނިޒާމަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލެކެވެ. އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް މިމަހުގެ 6 ވަނަ ދުވަހު ހުށަހެޅުއްވި މި ބިލުގައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ މުއްދަތަށް ބަދަލު ގެނެސް، ރިޔާސީ އިންތިހާބާ އެކު މަޖިލިސް އިންތިހާބު ބާއްވާ ގޮތަށް ހަމަޖެއްސުމަށެވެ.
މި ބިލާ ގުޅޭގޮތުން މަޝްވަރާކުރުމަށް މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، ރާއްޖޭގައި މަލްޓި-ޕާޓީ ނިޒާމެއް އޮތުމާއެކު، އިންތިހާބުތަކަށް މިފަދަ ބޮޑު ބަދަލެއް ގެންނައިރު ސިޔާސީ ޕާޓީތަކުގެ ބަސް ހޯދުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. އަދި އިންތިހާބުތައް ބޭއްވުމުގެ ޤާނޫނީ ޒިންމާ އުފުލާ އިލެކްޝަންސް ކޮމިޝަނާއި، ބަންޑާރަ ނައިބުގެ އޮފީހާވެސް މަޝްވަރާކުރަން ޖެހޭ ކަމަށް ޝުޖާއު ފާހަގަކުރެއްވި އެވެ.
ޝުޖާއު ހުށަހެޅުއްވީ އަންނަ ހޯމަ ދުވަހު ސިޔާސީ ޕާޓީތަކާއި، އިލެކްޝަންސް ކޮމިޝަން އަދި ބަންޑާރަ ނައިބުގެ އޮފީހުގެ ބޭފުޅުންނާ ބައްދަލުކުރުމަށެވެ. މި ހުށަހެޅުން ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
ކޮމިޓީގެ މުގައްރިރު، މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޟާ އާދަމް ވިދާޅުވީ، މި ބިލަށް ހިޔާލު ހޯދުމަށް ހުޅުވާލި ފުރުސަތުގައި އާންމުންގެ ފަރާތުންވެސް ވަރަށް ގިނަ ހިޔާލުތަކެއް ލިބިފައިވާ ކަމަށެވެ. އަންނަ ހޯމަ ދުވަހުގެ މަޝްވަރާތަކަށްފަހު މި އިސްލާހާ މެދު ކޮމިޓީން ވަކި ގޮތެއް ނިންމާނެ ކަމަށް ބެލެވެއެވެ.
ހުށަހަޅާފައިވާ ބިލުގައިވާ ގޮތުން، މަޖިލީހުގެ އިންތިހާބު ދެން ބާއްވާނީ ޤާނޫނުއަސާސީގެ 110 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވާ އިންތިހާބާ އެކުގައެވެ. އަދި މަޖިލީހުގެ އުމުރަކީ ކޮންމެ ފަސް އަހަރަކުން އެއްފަހަރު، ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހިނގާ މުއްދަތެއް ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ދެ އިންތިހާބު އެއްކޮށްލުމަކީ ދައުލަތުގެ ބޮޑު ހަރަދެއް ސަލާމަތްވެ، ވޯޓުލާ މީހުންނާއި ކެންޑިޑޭޓުންނަށްވެސް ލިބޭނެ ލުޔެއް ކަމަށް ސަރުކާރުންނާއި އިލެކްޝަންސް ކޮމިޝަނުންވެސް ޤަބޫލުކުރެ އެވެ.









