ތިލަފުށިން ގެއްލިގެން ހޯދަމުން އައި ވެމްކޯގެ ބިދޭސީ މުވައްޒަފު މަރާލުމަށްފަހު ހަށިގަނޑު އޮތީ ތިލަފުށި ކުނިގޮނޑުގައި ފޮރުވާފައި ކަން "ޚުލާސާ" އަށް ކަށަވަރު ވެެއްޖެ އެވެ.
މި މައްސަލައިގައި ފުލުހުން މިހާތަނަށް ހާމަކޮށްފައިވަނީ ގެއްލިގެން އުޅޭ ބިދޭސީ މީހާގެ ހަށިގަނޑު ފެނިފައިވާ ކަމާއި އޭނާގެ ވަނަވަރު އެކަންޏެެވެ. ފުލުހުން ބުނި ގޮތުގައި ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނިފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަމީން މިއާ (24އ) ކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން، އަމީން މިއާ މަރުވުމުގެ ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހުކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ އާ ގުޅިގެން "ޚުލާސާ" އިން މިހާތަނަށް ހޯދި ހޯދުންތަކުން އެނގިފައިވާ ގޮތުގައި އަމީން މިއާ އަކީ ތިލަފުށި ވެމްކޯ ސައިޓުގައި މަސައްކަތްކުރަމުން އައި މުވައްޒަފެކެވެ. މިދިޔަ ހޯމަ ދުވަހު ޑިއުޓީއަށް ވެސް އޭނަ ނުކުތް ކަން ވަނީ އެނގިފަ އެވެ. އޭނާ ގެއްލިގެން ހޯދަން ފެށީ ހެދުނުގެ ސްޓާފް ބްރީފިން އަށް ފަހު ހަބަރެއް ނުވުމުންނެވެ.
އަމީން މިއާ މަރުވީތަ؟ މަރާލީތަ؟
އަމީން މިއާގެ މަރަކީ ގުދުރަތީ މަރެއް ނޫނެވެ. އޭނާގެ ހަށިގަނޑު ފެނުނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ވެމްކޯ ތިލަފުށި ސައިޓުގެ ކުނިގޮނޑު ތެރެއިންނެވެ. އަދި ކުނިގޮނޑު އޮތްވައި ނަގާފައިވާ ފޮޓޯތަކެއްވެސް މި ނޫހަށް ވަނީ ލިބިފަ އެވެ. ފޮޓޯއިން ފެންނަ ގޮތުގައި އަމީން މިއާ އޮތީ ލެއިން ތަތްތެޅިފަ އެވެ. އޭނާގެ ބަނޑާ ދިމާލުން ވައަތް ފަރާތުން ބޮޑު ޒަހަމެއްވެސް ފެނެ އެވެ.
"ޚުލާސާ" އަށް އެނގިފައިވާ ގޮތުގައިި އަމީން މިއާ މަރުގެ ހާދިސާ ހިނގާފައިވަނީ ވެމްކޯ ސައިޓުގައި މަސައްކަތްކުރާ އެެހެން މުވައްޒަފަކު އޮޕަރޭޓުކުރި އެކްސްކަވޭޓަރަކުން ޖެހިގެންނެވެ. ފޮޓޯއިން ފެންނަ ޒަހަމުން އެކަން ޔަގީންވެ އެވެ.
އެކްސްކަވޭޓަރުން ޖެހި ލިބުނު އަނިޔާގައި އަމީން މިއާ މަރުވުމުން އެ މުވައްޒަފު ބިރުން އޭނާގެ ހަށިގަނޑު ފޮރޮވުމަށް ކުނިތަކުގެ ތެރެއަށް ލީކަމަށް މަސްދަރުތަކުން ބުނެ އެވެ.
މިހާދިސާއާ ގުޅޭ މި މައުލޫމާތުތައް ވެމްކޯއިންވެސް އަދި ފުލުހުންވެސް އާއްމު ނުކުރެ އެވެ. ފުލުުހުން ބުނީ މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން ހާމަކުރެވެންހުރި މައުލޫމާތު ހާމަކުރަމުންދާނެ ވާހަކަ އެވެ.









